ހަބަރު

ރިލްވާން ވަނީ މަރުވެފަ، ޝައްކެއްނެތް: ރައީސް

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ވަނީ މަރުވެފައި ކަމަށާއި އެކަމަށް ޝައްކެއް ވެސް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ގދ. މަޑަވެލީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލަ ކެބިނެޓު ފެންވަރުގައި ބަލަން މަސައްކަތް ކުރި ކަމަށް ވިދާޅުވެ އަދީބު ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން އެފަދަ ދައްކާ އެފަދަ ވާހަކަތައް ނޫސްތަކުގައި ގެނެސްދޭތީ ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ ކެބިނެޓު ފެންވަރުގެ އެ މަސައްކަތެއް ނުކުރާނެ ކަމަށާއި ރިލްވާން މައްސަލައިގެ ތަހުގީގަކީ ފުލުހުން މިހާރު ވެސް ކުރަމުން ގެންދާ ތަހުގީގެއް ކަމަށެވެ.

"މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން މިހާރު ވަނީ ނިޔާވެފައި ޝައްކެއް ވެސް ނެތް، ވަރަށް ހިތާމަވެރި ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ. "އަފްރާޝިމްގެ މަރުގެ މައްސަލަ ބެލެން ޖެހޭ، ރިލްވާންގެ މަރުގެ މައްސަލަ ބެލެން ޖެހޭ، ދެން ވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެން ޖެހޭ،"

ރައީސް ޔާމިން ވިދާޅުވީ ކެބިނެޓު ފެންވަރުގައި ނަގައިގެން ކުރި މަސައްކަތަކީ އެމަނިކުފާނުގެ ލޯންޗު ގޮއްވާލި ހާދިސާ ކަމަށާއި އެ ލޯންޗު ގޮއްވާލަން އަދީބު މަސައްކަތް ކުރި ސަބަބު އޭނާ ވިދާޅުވާން ޖެހޭ ކަމަށެވެ. މީހުންގެ މަރުގެ މައްސަލަތައް ފުލުހުން މިއަދު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަންކަމަށް ފުލުހުން ޖަވާބުދާރީވެސް ވާނެ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.