ހަބަރު

ސީރިއާގައި ރިލްވާން މަރުވިކަން ދައްކަން ސިޔާސީ ނުފޫޒު ފޯރުވި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ސީރިއާގައި މަރުވެފައިވާ ކަމަށް ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަސައްކަތް ކުރެއްވި ކަމަށާއި އޭނާގެ މައްޗަށް އަދުލު އިންސާފަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލަން ޖެހޭނެ ކަމަށް، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ މައްސަލާގައި ކޮމިޝަނުން ކުރި ތަހުގީގުގެ މައުލޫމާތު އާންމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވީ ޖޫން 24، 2014 ގައި ރިލްވާނަށް ނުރައްކަލެއް އޮތް ކަމާއި އޭނާ ރަހީނު ކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހަށް ލިބުނު ކަމަށެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ރިލްވާނަށް ފުލުހުން ފާރަލަމުން ގެންދިޔަ ކަމަށާއި ނަމަވެސް ފަހުން އެ މައްސަލަ ހަވާލު ކުރީ ފުލުހުންގެ ޕޮލިޓިކަލް ސެކްޝަނަށް ކަމަށެވެ. އެ ގޮތުން އޭނާއަށް ފާރަލުމަށްޓަކައި ފުލުހުން ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ރިލްވާން ދައުލަތާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރިލްވާން ގެއްލުނު ފަހުން އޭނާ ސީރިއާގައި މަރުވެފައިވާ ކަމަށް ދެއްކުމަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ނައިބު ރައީސް އަދީބު މަސައްކަތް ކުރެއްވި ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ގޮތުން ފުލުހުންގެ އިންޓެލް ދެ އޮފިސަރަކު ފޮނުވައިގެން އިމިގްރޭޝަންގެ އޭރުގެ ކޮންޓްރޯލަރު ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ފުލުހުންގެ ތެރެއިން މަސައްކަތްކުރި. އަދީބު އެކަމަށް އުޅުއްވި. ޕޮލިސް އިންޓެލްގެ ދެ މީހަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ އާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓު ހޯދަން މަޝްވަރާކުރި. ހަސަން އަލީ ވަނީ އެކަމަށް ބަޔާނެއް ވެސް ދެއްވާފައި." ސުއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން ރިލްވާންގެ ޕާސްޕޯޓު ހޯދުމަށް އެމްއެންޑީއެފްގެ ސީނިއާ އޮފިޝަލަށް އަދީބު މެސެޖް ކުރެއްވި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރިލްވާންގެ މައްސަލާގައި ހައްޔަރުކުރި އެކަކު އަދީބަށް މެސެޖް ކުރެއްވި ކަމަށާއި އަދި އެ ކަން އަދީބު ކްރިމިނަލް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް މެސެޖް ކުރެއްވުމުން އެ ފަރާތް ދޫކޮށްލަފައިވާ ކަމަށެވެ.

"ރިލްވާން ގެއްލުވާލަން އުޅުނު މުނާޒު ކިޔާ ކުއްޖެއް އަދީބަށް މެސެޖް ކުރެއްވި. އަދީބު އެ މެސެޖް ފޯވާޑް ކުރި ކްރިމިނަލް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް، އެ ކަންކަން ވަނީ ސާބިތުވެފައި. އަދީބު އެކަންކަން ކުރި މަގްސަދަކީ ކޮބައި ކަން ނޭނގެ، އެއީ ސުވާލެއް އަދި ހަމަ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އަދީބާއި ފުލުސް ދެ އޮފިސަރުންނަށް އަދުލު އިންސާފަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ލަފައަށް ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލަ ޑައިވާޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށް ސުއޫދު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅިގެން މާ ބޮޑު ތަފުސީލެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ ކަހީނަކު ގެނެސްގެން ފަންޑިތަ ހަދައިގެން ރިލްވާން މައްސަލާގައި ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ މިސްރާބު ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޮގަސްޓް 7، 2014 ގައި ގެއްލުނު ރިލްވާން ވަނީ މަރާލެވިފައި ކަމަށް ކޮމިޝަންގެ ރައީސް ސުއޫދު މިއަދު ހާމަކުރެއްވި އެވެ. އެ ގޮތުން އޭނާ މަރާލީ ދީނީ ހަރުކަށި ފިކުރު ޖަމާއަތުން ކަމަށާއި އޭނާ މަރާލީ ޑިންގީއެއްގައި ގެންގޮސް އެހެން ބޯޓަކަށް އެރުމަށް ފަހު ކަމަށް ސުއޫދު ވިދާޅުވި އެވެ.