ހަބަރު

ރިލްވާން މަރުވިކަން ރައީސް ސާބިތުކުރެއްވީއެއް ނޫން: ތަރުޖަމާނު

މިއަދު ވާހަކަފުޅު ދައްކަވަމުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރުވިކަން ރައީސް އަބްދުﷲ ޔާމީން ސާބިތުކުރެއްވީ ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

"މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން މިހާރު ވަނީ ނިޔާވެފައި ޝައްކެއް ވެސް ނެތް، ވަރަށް ހިތާމަވެރި ކަމެއް،" ގދ. މަޑަވެލީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަފުޅު ތަރުޖަމާ ކުރައްވާ މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ދެއްކެވި ވާހަކަފުޅުގައި ރިލްވާންގެ މަރު ސާބިތު ކުރެއްވީއެއް ނޫން ކަމަށާއި ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެމަނިކުފާނާއި ކެބިނެޓާ ގުޅިގެން ހެދި ދޮގުގެ މައްޗަށް ކަމަށެވެ.

މުއާޒު ވިދާޅުވި ގޮތުގައި ރައީސް "ޝައްކެއް ނެތް" ކަމަށް ވިދާޅުވުމުގެ މާނައަކީ "ރިލްވާންއަށް ވީގޮތެއް ނޭނގި އެންމެން ހިތާމަކުރާ ވާހަކަ" ކަމަށެވެ.

ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

އެކަމާ ގުޅިގެން ރައީސް ޔާމިން މިއަދު ވިދާޅުވީ ކެބިނެޓު ފެންވަރުގައި ނަގައިގެން ކުރި މަސައްކަތަކީ އެމަނިކުފާނުގެ ލޯންޗު ގޮއްވާލި ހާދިސާ ކަމަށާއި އެ ލޯންޗު ގޮއްވާލަން އަދީބު މަސައްކަތް ކުރި ސަބަބު އޭނާ ވިދާޅުވާން ޖެހޭ ކަމަށެވެ. މީހުންގެ މަރުގެ މައްސަލަތައް ފުލުހުން މިއަދު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަންކަމަށް ފުލުހުން ޖަވާބުދާރީވެސް ވާނެ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.