މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރު ކޮމިޝަނަށް ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ދެނީ

މަރު ކޮމިޝަނަށް އެކި މައްސަލަތަކުގައި ހެކި ބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޝްވާން އަބްދުﷲގެ މައްސަލައިގެ ހަގީގަތް ހޯދައި، އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުންދާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންނާއި ރާއްޖެ އިން ބޭރުގައި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާ ކާރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ބުނެފައިވެ އެވެ.

މަރު ކޮމިޝަނުން ބުނީ ރިލްވާނުގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ މައިގަނޑު އަމާޒަކީ، ރިލްވާން ގެއްލުވާލުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ މީހުންގެ ތެރެއިން، އެ ޖަރީމާ ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް މީހަކު ވާނަމަ، އެ މީހަކު ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އެ މީހަކު އެ ކުށުގައި ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، މި މައްސަލައިގައި އިންސާފު ހޯދައިދިނުން ކަމަށެވެ.

ތަހުގީގު ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ކޮމިޝަނުން އެ ހުރަސްތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކޮށްފައި ކަންވެސް ބަޔާނުގައި ފާހަަގަކޮށްފައިވެ އެވެ. އަދި ރިލްވާންގެ މައްސަލައިގެ މައުލޫމާތު އެނގިތިބި ބަޔަކު ހެކިބަސް ދިނުމަށް ސަބަބުތަކަކާ ހުރެ ޖެހިލުންވާތީވެ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ގާނޫނީ އިމުގެ ތެރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

"މިޕޮރޮގްރާމް ކުރިއަށް މި ގެންދަނީ ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތްކޮށް ރާއްޖެ ފަދަ ގައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން" ބަޔާނުގައިވެ އެވެ.

މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތުން ރާއްޖެ ފަދަ ގައުމަކަށް މުހިއްމު ކަމަށްވެސް ބަޔާނުގައި އެވެ. ކުށްތަކާ ގުޅޭ މައުލޫމާތު އެނގިތިބި ފަރާތްތަކަށް، ހެކިބަސް ދިނުމުގެ ބޭނުންތެރިކަމާއި، އެކަމުގެ މުހިއްމުކަމާއި އަދި އެ ދެވޭ ހެކިބަހުގެ ސަބަބުން ހެކިބަސްދޭ ފަރާތަށް ނުރައްކަލެއް ނެތްކަމުގެ އިހުސާސްކުރެވޭނެ މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށް ކޮމިޝަނުން ދެކޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.