ބޭރު ކުޅިވަރު

އެމެރިކާ އިން ހިންގާ ކޮރަޕްޝަންގެ ތަހުގީގުގައި ބްލެޓާ ވެސް ހިމެނޭ

އެމެރިކާ އިން މިހާރު ބަލަމުންދާ ފީފާގެ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން، އިސްތިއުފާ ދެއްވަން ނިންމާފައިވާ ފީފާގެ ރައީސް ޖޯސެޕް ބްލެޓާގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ބްލެޓާގެ މައްސަލައެއް އެމެރިކާ އިން ބަލަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފައިވަނީ ފީފާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބްލެޓާ ރޭ ވިދާޅުވެފައިވަނިކޮށެވެ.

އެމެރިކާ އިން މިދިޔަ ހަފުތާގައި ބަލަން ފެށި ފީފާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާގެ ހަތް އޮފިޝަލުން ވަނީ ސްވިޓްޒަލޭންޑް އިން ހައްޔަރުކޮށްފަ އެވެ. އެމެރިކާ އިން މި މައްސަލައިގައި ފީފާގެ އޮފިޝަލުން ހައްޔަރުކުރީ ހުކުރު ދުވަހު އޮތް ފީފާގެ އިންތިހާބުގެ ދެ ދުވަސް ކުރިންނެވެ.

ކޮރަޕްޝަންގެ މައްސަލައިގައި ފީފާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، ބްލެޓާ ވަނީ ހުކުރު ދުވަހު އޮތް އިންތިހާބު ކާމިޔާބުކުރައްވައި، ފަސް ވަނަ ދައުރަކަށް ފީފާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މިހާރު ހައްޔަރުކޮށްފައިވާ ފީފާގެ އޮފިޝަލުން ފަރާތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ބްލެޓާއާ ދެކޮޅަށް ދައުވާ ކުރެވޭވެރުގެ މައްސަލައެއް ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ.

ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރޭ ވިދާޅުވެފަ އެވެ. ބްލެޓާ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމީ އޭނާގެ މެންޑޭޓަށް "ފީފާގެ ހުރިހާ މެމްބަރުންގެ ތާއީދު ނެތުމުން" ކަމަށެވެ. އެހެން ނަމަވެސް، އެކްސްޓްރާ އޯޑިނެރީ ކޮންގުރެސްއަކުން އާ ރައީސެއް އިންތިހާބުކުރެވެންދެން، ބްލެޓާ ފީފާގެ ރައީސްގެ މަގާމު އަދާކުރައްވާނެ އެވެ. އެކްސްޓްރާ އޯޑިނެރީ ކޮންގުރެސްއެއް ބޭއްވޭނެ ވަކި ތާރީހެއް އަދި ނޭނގެ އެވެ. އެކަމަކު އަންނަ އަހަރުގެ މާޗު މަހުގެ ކުރިން އެކްސްޓްރާ އޯޑިނެރީ ކޮންގުރެސްއެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.