ޖަރުމަންގެ ފުޓްބޯލް މީޑިއާތަކުން ދޭ އެ ގައުމުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ހޯދައިފި އެވެ.
ޖަރުމްންގެ ފުޓްބޯޅަ ނޫސްވެރިންގެ ތެރެއިން ގާތްގަނަޑަކަށް 500 ނޫސްވެރިން ވޯޓް ދީގެން ހޮވާ އެ ވޯޑްގައި، ކްރޫޒް ވަނީ ދެ ވަނަ އަށް ދިޔަ ސްޕޯޓް ކުލަބު ފްރައިބާގްގެ ނިލްސް ޕީޓާސެންއަށް ވުރެ ފަސް ގުނަ އިތުރަށް ވޯޓް ލިބިފަ އެވެ. އެވޯޑްގައި ތިން ވަނަ ހޯދާފައި ވަނީ ޝާލްކޭގެ ޑިފެންޑަރު ނަލްޑޯ އެވެ.
"މިއީ ދެމިހުންނާނެ ވަރުގެ ޝަރަފުވެރި ކާމިޔާބެއް،" ކިކާ މެގަޒިންއަށް ދިން އިންޓަވިއުގައި ކްރޫޒް ބުނެފައި ވެއެވެ. "މިއީ ހޯދަން އުނދަގޫ އެވޯޑެއް."
ޖަރުމަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކްރޫޒް މި ހޯދީ ފުރަތަމަ ފަހަރަށެވެ. މިދިޔަ ތިން އަހަރު ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށް ކްރޫޒް ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
ޖަރުމަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ، މިދިޔަ ސީޒަންގެ ވަކި ހިސާބަކުން ބަޔާން މިޔުނިކްގެ ކޯޗް ކަމާ ހަވާލުވެ އެ ޓީމަށް ޖަރުމަން ލީގް ހޯދައިދިން ޔުޕް ހޭންކެސް އެވެ. ރިޓަޔާމެންޓް ވަގުތީ ގޮތުން އުވާލުމަށް ފަހު ހޭންކެސް ބަޔާންގެ ކޯޗު ކަމަށް އައީ އެ ޓީމުގައި އޭރު އޮތް އުނދަގޫ ހާލަތު ރަނގަޅު ކުރުމަށެވެ.
އޭނާ ވަނީ އޭގެ ކުރިންވެސް ބަޔާންއަށް ކޯޗް ކޮށްދީފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު އޭނާ ވަނީ ބަޔާންއަށް ތިން ތަށި ހޯދައިދީފަ އެވެ. އެ އަހަރަށް ފަހު އޭނާ ރިޓަޔާ ކުރީ އެވެ. އެ އަހަރުވެސް މޮޅު ކޯޗުގެ އެވޯޑް އޭނާ ހޯދީ އެވެ.
މިފަހަރުގެ އެވޯޑްގައި، ހޭންކެސްއާ ވަރަށް ގާތުން ޝާލްކޭގެ ޒުވާން ކޯޗް ޑޮމިނިކޯ ޓެޑެސްކޯ ވާދަ ކުރި އެވެ. ވޯޓްގައި ޓެޑެސްކޯ އަށް މަދުވީ ދެ ވޯޓެވެ.
"އަހަރެން ވަރަށް އުފާ ވެއްޖެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުމުން،" ހޭންކެސް ބުންޏެވެ. "އެކަމަކު އަހަރެން ބޭނުން އަހަންނަށް ވޯޓް ނުދޭ ފަރާތްތަކަށް ތައުރީފް ކުރަން، ސަބަބަކީ ބުންޑެސްލީގާގައި އެބަތިބި ވަރަށް ޒުވާން ކޯޗުން މި އެވޯޑް ހައްގުވާ، އަދި ހާއްސަކޮށް ފަރައިބާގްގެ ކްރިސްޓިއަން ސްޓްރައިކްއަށް މި އެވޯޑް ހައްގު."