ހަބަރު

ވެރިފައިކޮށް، ހުރިހާ ފޯމެއް އީސީއަށް ހުށަހަޅާނަން: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރީކުރުމަށް ހުށަހަޅާ ހުރިހާ ފޯމެއް ވެރިފައިކޮށް މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ފޯމެއް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ، ރީރެޖިސްޓްރޭޝަނަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށާއި މި ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި ވޯޓް ލިބުމުގެ ހައްގު ލިބިފައިވާ އެންމެންވެސް ރަޖިސްޓަރީކޮށްފަ، ވީހާވެސް ގިނަ ބަޔަކު ވޯޓްލާ އިންތިހާބަކަށް މި އިންތިހާބު ހެދުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މިމަހުގެ 11ގެ ކުރިން ވޯޓްލާ ދުވަހު އަމިއްލަ ރަށް ނޫން އެހެން ރަށެއްގަ ހުންނަވާ ބޭފުޅަކު ވެއްޖިއްޔާ އެހުންނަވާ ރަށަކަށް ރިޖިސްޓަރީ ކޮށްލަދެއްވާ، އަޅުގަނޑުމެންގެ ޕާޓީއަށްލިބޭ ފޯމްތައް ޕްރޯސެސްކޮށްފަ މިވައްދަނީ އީސީއަށް، އެބޭފުޅުން ވަރަށް ރަނގަޅަށް ވެރިފައިކޮށްފަ ނޫނީ އެއްވެސް ފޯމެއް ނުވައްދާނެ، އަޅުގަނޑުމެން ބޭނުމެއްނޫން ނަމެއްގަ ފޯމެއް ވައްދާކަށް، އެމަސައްކަތް ބާރަށް ހިނގަމުން އެބަދޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައްޔިތުން އެކަމާ ކަންބޮޑުވާނެ ކަމެއްނެތް ކަމަށާއި ލިބޭ ހުރިހާ ފޯމެއް އީސީއަށް ހުށަހަޅާނެ ކަމަށެވެ. އަދި ރެޖިސްޓަރީ ކުރެވޭނެ މަގުތައް ފަހިކޮށްދޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ލަސްވަމުންދާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ، ލަސްވަމުންދާ ސަބަބަކީ މިދެންނެވި، އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފަ އޭގަ ހުރިހާ މައުލޫމާތެއް ފުރިހަމަތޯ ބަލައި ޔަގީންކޮށްފަ ހުށަހަޅަމުން މިގެންދަނީ، އެހެންވީމަ ކުޑަކޮށް ލަސްވަމުން އެެގެންދަނީ، އެހެން ނަމަވެސް މުއްދަތު ހަމަވާއިރު އަޅުގަނޑުމެންފުރި ހުރިހާ ފޯމެއް އީސީއަށް ހުންނާނީ ހުށަހެޅިފަ، ހުރިހާ ބޭފުޅުންވެސް ރަޖިސްޓަރީ ކުރެވިފަ ހުންނާނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ކެމްޕެއިން އޮފީހަށް ފޯމްތައް ލިބޭ ވަރަކުން ޗެކް ކުރުމަށްފަހު އީސީއަށް ހުށަހަޅަމުންދާ ކަމަށާއި ޖުމްލަ ފޯމްތަކުގެ އަދަދު މުއްދަތު ހަމަވާ ދުވަހު ހިއްސާ ކުރައްވާނެ ކަމަށެވެ. ގިނަ ފޯމްތަކެއް މައްސަލަ ނުޖެހޭ ކަމަށާއި ޗެކް ކުރަނީ އެއްވެސް މައްސަލައެއް ދިމާނުވެ އަވަހަށް އެފޯމް އީސީގައި ޕްރޯސެސް ކުރުމަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ޕްރެސްގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލާވަރަށް މީހުން ވޯޓް ލާން ނިކުންނާނެ އަހަރަކަށް ހެދުން ކަމަށާއި ވޯޓްލުމުގެ ހައްގު ހުރިހ ބޭފުޅުންވެސް ހިފުމަކީ ސަރުކާރާއި ޕީޕީއެމްގެ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ވެރިފިކޭޝަންއޭ އެވިދާޅުވާ ވާހަކައަކީ މިސާލަކަށް އަޅުގަނޑުގެ ފޯމް މިތަނުން ކުއްޖަކު ފުރައިގެން ގެންގޮސްފަ އެތަނާ ހަވާލުކުރަން ގެންދިޔާމަ ކެމްޕެއިން އޮފީހުން އަޅުގަނޑަށް ގުޅާފަބުނި، އެއީ އަޅުގަނޑުގެ އިނގިލީގެ ނިޝަންތޯ، މަންމަގެ ނާމައެއްޗެހި މީގަ ހުރީ ރަނގަޅަށްތޯ، އެއީ ކުރައްވާ މަސައްކަތަކީ، ފިގަ ޕްރިންޓް ވެރިފިކޭޝަން ސިސްޓަމެއް ހުރީއެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ރީރެޖިސްޓްރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އިއްޔެ އީސީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރީކުރި މީހުންގެ އަދަދު 37،000 އަށް އަރައިފައިވާ ކަމަށް ބުނެފަ އެވެ. އަދި ރީ ރަޖިސްޓްރޭޝަން ފޯމްތައް ކޮމިޝަނަށް ލިބެމުންދާ މިންވަރުން، ފޯމްތަކުގައި އެ ކޮމިޝަނުން ބަލަންޖެހޭ މައުލޫމާތުތައް ބަލައި ޗެކްކުރުމަށްފަހު ފިންގަޕްރިންޓް ޗެކް ކުރުމަށް ފުލުހަށް ވެސް ފޯމްތައް ފޮނުވަމުންގެންދާ ކަަމަށް އީސީން ބުންޏެވެ. ނަމަވެސް ފިންގަޕްރިންޓް ޗެކްކުރުމަށް ފުލުހުންގެ އިދާރާއަށް ފޮނުވި ފޯމްތަކުގެ އަދަދު ހާމައެއް ނުކުރެއެވެ.