ހަބަރު

އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވޭ، ހޯދާނަން: ރައީސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރު ނުވާ ކަމަށާއި އިރާދަކުރެއްވިއްޔާ އޭނާ ހޯދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ގދ. މަޑެވެލީގައި ދެއްކެވި ވާހަކަފުޅު އޮޅޭ ގޮތަށް ތަރުޖަމާ ކުރަމުންދާ ކަމަށް ވިދާޅުވުމަށްފަހު އެވެ. ރައީސް ވިދާޅުވީ މަޑަވެލީގައި އެމަނިކުފާނު ވިދާޅުވި ވާހަކައިގެ ބޭސްލައިންއަކީ ރިލްވާންގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަކީ ދޮގުކަން ހާމަކޮށްދިނުން ކަމަށާއި އެއްގޮތަކަށް ވެސް ރިލްވާން މަރު ސާބިތު ކުރުން ކަމެއް ނޫން ކަމަށެވެ. އެކަން ފުލުހުން ތަހުގީގު ކުރުމަށް ފަހު އެކަންކަން ސާބިތު ކުރާނީ ކޯޓުން ކަމަށާއި ނަމަވެސް އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިރާދަކުރެއްވީއާ ރިލްވާން މަރެއް ނުވޭ، އޭނާ ހޯދާނަން
ރައީސް ޔާމީން

މަޑަވެލީގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރިލްވާންގެ މަރުވެފައިވާ ކަމަށާއި އެކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އޭނާގެ ތަހުގީގު ފުލުހުން ގެންދާނެ ދާނެ ކަމަށާއި ރައީސްގެ އިސްތަށިފުޅުގައި އަދީބު އަޅުއްވާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަފުޅު އިތުރަށް ތަރުޖަމާ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެފައިވަނީ ރައީސް ދެއްކެވި ވާހަކަފުޅުގައި ރިލްވާންގެ މަރު ސާބިތު ކުރެއްވީއެއް ނޫން ކަމަށާއި ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެމަނިކުފާނާއި ކެބިނެޓާ ގުޅިގެން ހެދި ދޮގުގެ މައްޗަށް ކަމަށެވެ.

މުއާޒު ވިދާޅުވި ގޮތުގައި ރައީސް "ޝައްކެއް ނެތް" ކަމަށް ވިދާޅުވުމުގެ މާނައަކީ "ރިލްވާންއަށް ވީގޮތެއް ނޭނގި އެންމެން ހިތާމަކުރާ ވާހަކަ" ކަމަށެވެ.

ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

އެކަމާ ގުޅިގެން ރައީސް ޔާމިން މިއަދު ވިދާޅުވީ ކެބިނެޓު ފެންވަރުގައި ނަގައިގެން ކުރި މަސައްކަތަކީ އެމަނިކުފާނުގެ ލޯންޗު ގޮއްވާލި ހާދިސާ ކަމަށާއި އެ ލޯންޗު ގޮއްވާލަން އަދީބު މަސައްކަތް ކުރި ސަބަބު އޭނާ ވިދާޅުވާން ޖެހޭ ކަމަށެވެ. މީހުންގެ މަރުގެ މައްސަލަތައް ފުލުހުން މިއަދު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަންކަމަށް ފުލުހުން ޖަވާބުދާރީވެސް ވާނެ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.