ހަބަރު

ވޯޓު ހޯދަން ދޮގު ވައުދުތަކެއް ނުވާނަން: ފައިސަލް

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވޯޓް ހޯދުމުގެ ގޮތުން ދޮގު ވައުދުތަކެއް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވ. ރަކީދޫއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ، މިދަތުރުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައި، ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލައި ހުރި ކަންތައްތައް ސާފުކުރުން ކަމަށެވެ. އެންމެ ބޮޑު އަމާޒަކީ ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރެއްގައި ޔަގީންކަން އަރުވަން ބޭނުންވަނީ މިރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގަ ހިތްހަމަ ޖެހިގެން އުފަލާއެކު އުޅެވޭނެ މަގުތަނަވަސްކޮށްދިނުން، އެއީ އަޅުގަނޑުމެން ގަބޫލް ކުރަނީ އެވަގުތަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި، ރައްޔިތުންނަށް ދޭން އޮތް ޔަގީން ކަމަކީ އަޅުގަނޑުމެން ނެތިން ދޮގު ވައުދުތަކެއް ވާކަށް، ވޯޓް ހޯދުމަށްޓަކައި ނުވަތަ ކުރިއަރައި ދިނުމަށްޓަކައި، މޫޅިން ހަގީގަތާ ހިލާފް ވާހަކަތަކެއް ނުވަތަ ދޮގު ވައުދުތަކެއްވެ، ނުކުރެވޭނެ ވަރު ކަންތައްތައް ކުރާކަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ދަތުރުން ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ރައްޔިތުން ހަގީގީ ބަދަލެއް މިހާރު ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ބަދަލެއް ގެނައުމަށްޓަކައި އަމާން ބަނދަރަކަށް ގެނެސްދިނުމަށްޓަކައި 23 ސެޕްޓެމްބަރުގައި އިދިކޮޅަށް ވޯޓްދެއްވަން ޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ދެ އަތޮޅުގެ މަސްވެރިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ރެއާދުވާލު ކުރާ މަސައްކަތުން މަސް ކިރޭނެ ގޮތެއް ނެތުން ކަމަށެވެ. މި ދެއަތޮޅަކީ ވަރަށް މަސްވެރިކަން ރަނގަޅު ދެއަތޮޅު ކަމަށާއި މަސްކިރުމުގެ ދަތިކަން ވަރަށް ބޮޑަށް އޮތުމުން އެކަމުގެ ކަންބޮޑުވުން މަސްވެރިން ވަރަށް ބޮޑަށް ފާޅުކުރައްވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ދެއަތޮޅުން ސިއްހީ ކަންތައްތައް ވަރަށް ދަކޮށް މިފެންނަނީ، ކިރިޔާވެސް ކުޑަކުޑަ ކަމެއް ދިމާވާއިރު ފުރައިގެން ދާންޖެހެނީ، ގަދަ ކަނޑެއްގައި އުމުރުން ދުވަސްވީ ބޭފުޅުންވިޔަސް ތުއްތު ކުދިން ވިޔަސް ނޫނީ މާބަނޑު އަންހެނުން ވިޔަސް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ތައުލީމީ ނިޒާމަށް ބަލާލި ނަމަވެސް ކަންކަން ރަނގަޅުވެފައިނުވާކަން ރައްޔިތުން ވަރަށް ބޮޑަށް ފާހަގަ ކޮށްފައިވާ ކަމަށެވެ. ފެނުގެ ނިޒާމަކީވެސް ވަރަށް ބޮޑަށް މިއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކަންކަން ހައްލު ކޮށްދޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ރައްޔިތުން ހިތްހަމައެއް ނުޖެހޭ، ގަބޫލެއް ނުކުރޭ ވަކި ބަޔަކަށް ދިވެހި ސަރުކާރުގެ ވަސީލަތްތަކާއި މުއައްޒަފުންގެ ބޭނުން ކޮށްގެން ނުވާނޭ، އެއްވެސް މީހަކީ ގަދަބާރުން ބޭނުންކޮށްގެން ނުވާނޭ، ގާނޫނު އަސާސީންވެސް ރައްޔިތުންނަށް ގަދަބާރުން އެއްވެސް ކަމެއް ނުކުރެވޭނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ސަރުކާރު މުއައްޒަފުންނަށް ވަރަށް ބޮޑު ފިއްތުންތަކާއި ކުރިމަތި ކުރަމުންދާ ކަމަށާއި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު އެބޭފުޅުންނަށް ނުލިބޭ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ ކުރަމުންދާ ކަމަށެވެ. މިއި ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުގެ މުއައްޒަފުންނަކީ އެއީ ވަކި ގޮތަކަށް އެންގޭނެ ބައެއް ނޫން، އަޅުގަނޑު ގަބޫލް ކުރަނީ ދައުލަތުގެ ކޮންމެ ކަމެއްގައިވެސް އެ އިހްތިޔާރު އޮންނަން ޖެހޭނެ އެެމީހަކު ބޭނުންވާ ގޮތަކަށް އިންތިހާބުތަކުގައި މަސައްކަތް ކުރުމުގެ،" ފައިސަލް ވިދާޅުވި އެވެ.