ބޭރު ކުޅިވަރު

ރޮޖާސް ބަހައްޓަން ލިވަޕޫލް އިން ނިންމައިފި

ލިވަޕޫލްގެ ކޯޗުގެ މަގާމުގައި ބްރެންޑަން ރޮޖާސް ބަހައްޓަން އެ ކްލަބުން ނިންމައިފި އެވެ.

ރޮޖާސް ،42، ކޯޗުގެ މަގާމުގައި ބަހައްޓަން އެ ކްލަބުން ނިންމީ އޭނައާއެކު އިއްޔެ އެ ކްލަބުގެ އެއް ވެރިޔާ ޓޮމް ވޯނާ ބޭއްވި ބައްދަލުވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި ވޯނާ އާއި ރޮޖާސް ވަނީ ރަނގަޅު ޕްލޭނަކާއެކު އަންނަ ސީޒަންގައި ކްލަބުގެ ނަތީޖާ ރަނގަޅުކުރަން އެއްބަސްވެފަ އެވެ.

މިިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ލިވަޕޫލް ނިންމާލީ ހަ ވަނައިގަ އެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިވަޕޫލަކަށް ނުލިބުނެވެ.

ރޮޖާސްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ވަނީ 2014 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާ ރަނގަޅު ވާދައެއްކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ޗެމްޕިއަންސް ލީގުން ލިވަޕޫލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބާސެލޯނާ އަށް ވިއްކާލުމަށް ފަހު، މިދިޔަ އަހަރު ރޮޖާސް އާ ކުޅުންތެރިން ހޯދަން ބޮޑު ހޭދައެއް ކުރި ނަމަވެސް، އެ ކުޅުންތެރިންނަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އަދި ރޮޖާސްގެ ޓްރާންސްފާ ޕޮލިސީއާ އަށް ގިނަ ބައެއް ވަނީ ފާޑުކިޔައިފަ އެވެ. -- ބީބީސީ