ދުވަސްވީ މީހުންނަށް ދޭ އިނާޔަތުގެ އަދަދު ބޮޑު ކުރެވެން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ދުވަސްވީ މީހުންނަށް މިހާރު ދެމުން ގެންދާ 5000 ރުފިޔާގެ އިނާޔަތަށް އުނިކަމެއް ނުގެންނާނެ ކަމަށާއި އޭގެ ބަދަލުގައި އެއަށް ރަނގަޅު ހެޔޮ ބަދަލެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށް ސިޔާސަތުތައް އެކުލަވާލާ ކޮމިޓީ އިން ދިރާސާ ކުރަމުންް އަންނަ ކަމަށެވެ. އެގޮތުން އިންފްލޭޝަނަށް އަންނަ ބަދަލާ އެއްގޮތަށް ދައުލަތުން ދޭ އިނާޔަތްތަކަށް ބަދަލު އަންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް އިބޫ ވިދާޅުވި އެވެ.
"އުުމުރުން ދުވަސްވީ މީހުންގެ އިނާޔަތައް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ އަދަދު އިތުރު ކުރެވޭތޯ އަޅުގަނޑުމެން މިދަނީ މިހާރު ވެސް ބަލަމުން،" އިބޫ ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ފުރަތަމަ އެ އިނާޔަތް ދޭން ފެށީ އުމުރުން 65 އަހަރުގެ ކޮންމެ މީހަކަށް 2500 ރުފިޔާ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އަދަދު 5000 އަށް އިތުރުކޮށްފަ އެވެ.