ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބައިޑަންއަށް ރައީސް ސޯލިހް މަރުހަބާ ވިދާޅުވެއްޖެ

ދުނިޔޭގެ އެންމެ ވަރުގަދަ ބާރު، އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިހާބުވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ފަހުގެ ތާރީހުގައި އެމެރިކާގައި ބޭއްވި އެންމެ ވާދަވެރި ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައިވާކަން ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެއާއެކު ޑިމޮކްރެޓިކުން ވަނީ އުފާފާޅު ކުރަން ފަށާފައެވެ. އަދި ދުނިޔޭގެ ވެރިން ގެންދަވަނީ ބައިޑެންއަށް މަރުހަބާ ވިދާޅުވަމުންނެވެ.

ރައީސް ސޯލިހް ވަނީ އެމެރިކާގެ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ރައީސްގެ ޓްވީޓްގައި ވިދާޅުވީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަަމަށާ އެ ކަމަށް އުންމީދުވެސް ކުރައްވާ ކަމަށެވެ. އަދި ބައިޑެންގެ ޒައާމަތުގައި ރާއްޖެ-އެމެރިކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބްވެސް ވަނީ އެމެރިކާގެ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން ގެއްލި، ބޮޑު ތަފާތަކުން ބައިޑެންއަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަށް މީގެ ކުރިން ލަފާކުރި ނަމަވެސް، އިންތިހާބު ވެގެންގޮސްފައިވަނީ ދެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވި އިންތިހާބަކަށެވެ.

ވައިޓް ހައުސަށް ވަޑައިގަންނަވަން މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖު ވޯޓު ބޭނުންވާއިރު، އެންމެ މުހިއްމު ސްވިންގް ސްޓޭޓުތަކުގައި ބެލި ޕެންސަލްވޭނިއާ، އެރިޒޯނާ، ނެވާޑާ އަދި ޖޯޖިއާގެ ނަތީޖާތައް އެންމެ ފަހު ވަގުތު ބައިޑަންގެ ކޮޅަށް އެނބުރިގެން ދިއުމާއެކު، އެމަނިކުފާނު މިހާތަނަށް ވަނީ 273 ކޮލެޖު ވޯޓު ހޯއްދަވައިފަ އެވެ. ޕެންސިލްވޭނިއާ ޓްރަމްޕަށް އަތުނުވާނެކަމަށް ހުރިހާ ޕްރޮޖެކްޝަންސްތަކުން ދައްކާއިރު، ބާކީ ތިން ސްޓޭޓުވެސް ބައިޑަންއަށް ކާމިޔާބުވާނެކަމަށް ބެލެވެ އެވެ. ނަމަވެސް، އެ ހަތަރު ސްޓޭޓުގައި ވެސް އަދި ހުރިހާ ވޯޓެއް ގުނާ ނިމިފައެއް ނުވެ އެވެ.

ކޮލެޖު ވޯޓުތަކުގެ އަގުލަބިއްޔަތުގެ އިތުރުން، ބައިޑަން ވަނީ އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ވޯޓު ލިބިވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓުގެ ޝަރަފުވެސް ހޯއްދަވައިފަ އެވެ. އުމުރުން 77 އަހަރުގައި ބައިޑަން އަކީ އެމެރިކާގައި މިހާތަނަށް ރައީސްކަން ކުރައްވާނެ އެންމެ އުމުރުން ދުވަސްވީ ބޭފުޅާ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްކަން ކުރެއްވި ބައިޑަންއަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅެކެވެ. މިގޮތުން، 1972 ވަނަ އަހަރު، އުމުރުން އެންމެ 29 އަހަރު ބައިޑަން ވަނީ ޑެލަވެއާގެ ގޮނޑި ކާމިޔާބު ކުރައްވައި، ސެނެޓުގައި ސިޔާސީ މަސައްކަތް ފައްޓަވައިފަ އެވެ. އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވުމަށްފަހު، ބައިޑެން ވަނީ އޮބާމާގެ ދެ ދައުރުގައިވެސް ނައިބު ރައީސްގެ މަގާމު އަދާކުރައްވައިފަ އެވެ.