ބޮލީވުޑް

"ލަވްރާތުރީ" އާއި "ލައިލާ މަޖްނޫން" ޓްރެއިލާ ބަލައިލާ

ލޯބީގެ ފިލްމުތައް ގެނެސްދިނުމުގައި އެންމެ ކުޅަދާނައީ ބޮލީވުޑް ކަމާއިމެދު ޝައްކުކުރެވޭކަށް ނެތެވެ. އަނެއްކާވެސް މިއޮތީ ވަރަށް އަސަރު ހުންނާނެ ބޮލީވުޑްގެ ލޯބީގެ ދެ ފިލްމެވެ. ސަލްމާން ޚާންގެ ޕްރޮޑަކްޝަނުން ގެނެސްދޭ "ލަވްރާތުރީ" އަދި އެކްތާ ކަޕޫރް އާއި އިމްތިޔާޒު އަލީ ގެނެސްދޭ "ލައިލާ މަޖްނޫ" އެވެ. މި ދެ ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ.

"ލަވްރާތުރީ" ގެ ޓްރެއިލާއާއެކު ސަލްމާންގެ ޅިޔަނަށް ތައުރީފު

މިއީ ސަލްމާންގެ ޅިޔަނު އަޔުޝް ޝަރުމާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އަޔުޝްއާއެކު މި ފިލްމުން ވަރީނާ ހަސަންވެސް ބޮލީވުޑަށް ތައާރަފުވާނެ އެވެ. ރަށަށް އަންނަ ބީރައްޓެހި އަންހެން ކުއްޖަކު ދެކެ ލޯބިވެވުމުން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު އެންމެ ގިނަ ތައުރީފު ލިބުނީ އަޔުޝް އަށެވެ.

"ލަވްރާތުރީ" ޓްރެއިލާ.

މުހިންމު ރޯލުތަކުން މި ފިލްމުގައި ފެނިގެންދާނީ އަންޝުމަން ޖަހާ، ރޯނިތު ރޯއީ، ރާމް ކަޕޫރް، ޕްރާޗީކް ޝާހް އަދި ޕްރަތީކް ގާންދީ އެވެ. ހާއްސަ ފެނިލުންތަކުން ސަލްމާން ޚާންއާއި އަރްބާޒް ޚާން އަދި ސޮހައިލް ޚާން ފެނިގެންދާނެ އެވެ. އޮކްޓޯބަރު ފަހެއްގައި ރިލީޒްކުރާ މި ފިލްމު ޑައިރެކްޓުކުރީ އަބީރާޖް މިނަވާލާ އެވެ.

"މުސްކުޅި" ލޯބީގެ ވާހަކައަކަށް އިމްތިޔާޒްގެ އާ ނަޒަރެއް

ބޮލީވުޑްގެ އެންމެފަހުގެ އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ ފަހަތުގައިވާ މޭސްތިރިއަކީ އިމްތިޔާޒް އަލީ އެވެ. އަނެއްކާވެސް އިމްތިޔާޒު މި ވަނީ ލޯބީގެ ފުން އަސަރުތައް ކުރުވާނެ ފިލްމެއް ގެނެސްދިނުމަށް ތައްޔާރުވެފަ އެވެ. މިފަހަރު މި ގެނެސްދެނީ "މުސްކުޅި" ލޯބީގެ ވާހަކައެއް ކަމުގައިވާ "ލައިލާ މަޖްނޫ" ގެ ޒަމާނީ ފިލްމެކެވެ.

"ލައިލާ މަޖްނޫ" ޓްރެއިލާ.

ލޯބި ހާސިލުކުރަން ހުރިހާ ހަދެއް ގިރާގުރާ ދެ ލޯބިވެރިންގެ ވާހަކަ ގެނެސްދޭ މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ އަވީނާޝް ތިވާރީ އަދި ތުރިޕްތީ ދިރްމީ އެވެ. އެކްތާގެ ބަލާޖީ މޯޝަންސް ޕިކްޗާސްއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓުކުރީ ސާޖިދު އަލީ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ މަހު ހަތެއްގަ އެވެ.