ދުނިޔެ

މެލޭޝިއާގެ ބޮޑު ހިޔާނާތުގެ ދައުވާ ކުރީގެ ބޮޑު ވަޒީރު ނަޖީބަށް ކޮށްފި

Aug 8, 2018

ކުއަލަލަމްޕޫރު (އޯގަސްޓް 8) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީޕީގެ އެތަކެއް މިލިއަން ޑޮލަރެއްގެ ހިޔާނާތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ދައުވާކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) ގެ ތެރެއިން މިހާރު ހައްޔަރުކުރެވިފައިވާ ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކޮށްފައިވުމާއި ގުޅިގެން، ހިޔާނާތުގެ ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި، ހިޔާނާތުގެ މައްސަލާގައި ނަޖީބަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުންކުރުމާއެކު އިތުރު ތިން ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ދާދި ފަހުން، ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.