ހަބަރު

އަގުބޮޑުކޮށް، މަޝްރޫއުތަށް ހިންގަނީ އަަވަހަށް ތަރައްގީ ގެންނަން: ރައީސް

އަގުބޮޑުކޮށް ތަރައްގީގެ މަޝްރޫއުތަށް ހިންގަނީ އެ މަޝްރޫއުތަށް އަވަސްކޮށް ތަރައްގީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ގެނެސްދިނުމަށް ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮނޑޭއަށް ވަޑައިގެން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން މިސާލު ނަންގަވާ ރައީސް ޔާމީން ވިދާޅުވީ، އެތަން ތަރައްގީ ކުރުމަށްޓަކައި 9 އަހަރު ދުވަސް ހޭދަވި ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ފިޔަވަހި ހެދުމަށް ހޭދަކޮށްފައިވަނީ މަދު ދުވަސްކޮޅެއް ކަމަށާއި، އެކަން އެގޮތަށް ކުރުމުން ހަރަދު ބޮޑުވި ކަމުގައިވީ ނަމަވެސް މަޝްރޫގެ މަސައްކަތްތަށް އަވަސްވެގެންދިޔަ ކަމަށެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް 9 އަހަރު ދުވަހުން ޙަރަދު ކުޑަކޮށް ކުރެވިދާނެ ކަމަށާއި، އެހެން ނަަމަވެސް އެ ގެއްލުވާލެވެނީ އެތަކެއް ވަގުތަކާއި، މަސައްކަތުގެ އާލަތްތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއްވެސް އެކޮނޮމިސްޓަކު ވަގުތަށް ނުބަލާ ނޫޅޭނެ ކަމަށާއި ލަސްލަހުން ކަންކަން ކުރެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ އަގު ބޮޑުވެގެން އުޅެނީ އެތަން އަވަހަށް ނިންމުމަށް އެކަމަށް ގާބިލް ކުންފުންޏަކަށް އެ މަޝްރޫއު ހަވާލު ކުރީމާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ އޭޝިޔާ ސަރަހައްދުގައި ވެސް ހުރި އެންމެ ފެންވަރު ރަނގަޅު އިމާރާތް ކަމަށާއި އެފަދަ އިމާރާތެއްގެ ޑިޒައިން އާއި މަރާމާތަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ. އަދި ހަރަދެއް ނުހިނގާ ބޮޑެތި މަޝްރޫއުތައް ނިންމައި އޭގެ ފައިދާ ރައްޔިތުންނަށް ގެނެސްދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ރައީސް ވިދާޅުވީ މީގެ ކުރިން ކިޔަމުން އައީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި، އެހެން ނަމަވެސް އެ ވާހަކަ މިހާރު ނިމި، ދައްކަމުން ދަނީ ކޮންމެ ރަށަކުންވެސް ލިބޭ އެއްޗަކުން އެރަށެއްގައި ފުދިގެން އުޅޭ ވާހަކަކަމަށެވެ.

މީގެ އިތުރުން ކޮންމެ ރަށަކަށް ވަޑައިގަތަސް އިވެނީ ތަރައްގީ ބޭނުންވާ ވާހަކަ ކަމަށާއި، ތަރައްގީ ނުކޮށް ގައުމު ކުރިޔަކަށް ނުދާނެ ކަމަށެވެ. އަދި ތަރައްގީ އަކީ ކުރަމުން އަންނަ ކަމެއް އެއަށްވުރެ މޮޅަށް ކުރުން ކަމަށާއި، އެކަމަށްޓަކައި އެ މަނިކުފާނުގެ
މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރެއް ވެއްޖެ ކަމަަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރީގެ ސަރުކާރުތަކުން އެއްވެސް ކުށަކާނުލާ މީހުން ޖަލުގައި ބަންދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ޝަރުއީ ހުކުމަކާ ނުލާ އެއްވެސް މީހަކު ޖަލު ގޮޅީގައި ނޯންނާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ރަށުގެ ބަނދަރު ރައީސް ވަނީ މިއަދު ހުޅުއްވައި ދެއްވައިފަ އެވެ.