ދީން

ދަރުސްތަކާއި ހުތުބާ ރޭޓުކުރާ އެޕެއް ސައުދީން ތައާރަފުކުރަނީ

މިސްކިތްތަކުގައި ދޭ ދަރުސްތަކާއި ހުތުބާތައް ރޭޓުކުރުމަށްޓަކައި ސައުދީގެ ކަމާބެހޭ އިދާރާތަކުން ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

ސައުދީގެ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، އަބްދުލް ލަތީފް އަލް ޝެއިޚްއާއި ހަވާލާދީ އަލް ވަތަން ނޫހުގައި ބުނެފައި ވަނީ މި އެޕްގެ އެހީގައި ދަރުހާއި ހުތުބާ ދޭ މީހުންގެ އެ މަގާމުތަކުގައި ބައިތިންބަން ފެނޭތޯ ކަނޑައެޅުމަށް ފަސޭހަވެގެންދާނެ ކަމަށްވެ އެވެ. އަދި ދަރުހާއި ހުތުބާ ދޭ ވަގުތުގެ ދިގުމިނާއި ފެންވަރު ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި އެޕުން ލިބޭ ނަތީޖާތައް މޮނީޓާކުރާނެ ފަރާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިސްކިތްތަކަށް އަޅުކަންކުރާ ދާ މީހުންނަށް ދަރުހާއި ހުތުބާއި ދޭމިހުން ތަފާތު ގޮތްގޮތުން ރޭޓުކުރުމަށް ފުރުސަތު މި އެޕުން ލިބިގެންދާނެ އެވެ.

ސައުދީގެ އާ ސަރުކާރުން މިހާރުވެސް އަންނަނީ އެ ގައުމުގައި އިސްލާމީ ތައުލީމު ދޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އަދި އެ ގައުމުގައި ދީނީ ދަރުހާއި ހުތުބާ ދޭ މީހުންނާއި ގުޅިގެން ގިނަ ބަހުސްތައް ކުރެވެމުންދާތީ އެކަންވެސް އިސްލާހުކުރުމަށް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

މިނިސްޓަރު ލަތީފް ވިދާޅުވީ ދީނާކީ މީހުން ނުބައި މަގަށް އެޅުވުމަށާއި މީހުންގެ ވިސްނުމާއި ފިކުރު ގޯސްކުރުމަށް އެއްވެސް ހާލަތެއްގައި ބޭނުންކޮށްގެންވާނެ އެއްޗެއް ނޫން ކަމަށާއި އަދި އެކަން އެގޮތަށް ކުރަމުންދާނަމަ ގައުމުގައި ހަމަނުޖެހުން އުފެދުމަށް މެދުވެރިވެދާނެ ކަމަށެވެ.

މި އެޕްލިކޭޝަން ތައާރަފުކުރަން އުޅޭ ވާހަކަ ހަބަރުތަކަށް މި އެރީ ދާދިފަހުން ސައުދީ ސަރުކާރުން ދޭ ސިއްހަތާއި ކުޅިވަރާއި އަދި އާންމު ހިދުމަތްތައް ރޭޓުކުރުމަށް "ވަތަނީ އެޕް" ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއްވެސް ތައާރަފުކޮށްފައި ވަނިކޮށެވެ.