ސައިންސް

ސޯފިއާ އިންސާނުންނަށް ދުލެއް ނުކުރޭ!

ދުނިޔެ މިދަނީ ޓެކްނެކޮޖީގެ އެހީގައި އެތަކެއް ކުރިއެރުމެއް ހޯދަމުންނެވެ. މީގެ ކުރިން ކާމިޔާބުވާނެ ކަމުގެ އުއްމީދުތައް ނެތް އެތަކެއް ކަމެއް ޓެކްނޮލޮޖީގެ އެހީގައި ވަނީ ކާމިޔާބު ކޮށްފަ އެވެ. ރޮބަޓް އުފައްދަން އުޅުނު ދުވަސްވަރު އެއީ ނުވާނެ ކަމަށް ބުނެ ކޮންސްޕިރަސީ ތިޔަރިސްޓުން ދެއްކި ވާހަކަތައް މިހާރުވެސް ފެންނަން ހުންނާނެ އެވެ. ނަމަވެސް އެ ވާހަކަތައް ފަހުން ވެގެން ދިޔައީ އެއްވެސް ބުރަ ދަނެއް ނެތް ބޭކަރު ވާހަކަތަކަށެވެ.

އިންސާނުންނެކޭ އެއްފަދައިން ހަރަކާތްތެރިވާ ރޮބަޓުން އުފެއްދުމަކީ އަބަދުވެސް ޓެކްނޮލިޖީ ކުންފުނިތަކުން މަސައްކަތް ކުރަމުން ގެންދާ ކަމެކެވެ. އިންސާނުން ފަދައިން ހަރަކާތްތެރިވާ އެތަކެއް ރޮބަޓެއް އުފައްދި ނަމަވެސް 2016 ވަނަ އަހަރު ހޮންގްކޮންގުގެ ކުންފުންޏެއް ކަމަށްވާ ހަންސަން ރޮބަޓިކްސް އިން އުފެއްދި ރޮބަޓް ތަފާތެވެ. މި ރޮބަޓް ތަފާތުވަނީ އިންސާނުން ފެނުމުން ހީނލާއި ނުވަތަ ވާހަކަ ދައްކާ އިސްވެ ސަލާމް ކުރާތީ އެއް ނޫނެވެ. މި ރޮބަޓް ތަފާތުވީ އިންސާނުން އިހުސާސް ކުރާ ފަދައިން އެ ރޮބަޓުގައި "އިހުސާސް" އެކުލެވޭތީ އެވެ. މާނައަކީ އިންސާނުން ދެރެވާ އުފާވާ ފަދައިން މި ރޮބަޓު ވެސް ދެރަވެ އުފާވާނެ އެވެ.

ހިޔުމޮނައިޑް ރޮބަޓެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މި ރޮބަޓަށް ވަނީ ނަމެއްވެސް ދީފަ އެވެ. އެއީ ސޯފިއާ އެވެ. ސޯޕިއާގެ ކުޅަދާނަކަން ފެނިފައި ސައުދީ އަރަބިއްޔާއިން ސޯފިއާއަށް ރަށްވެހިކަން ވެސް ވަނީ ދީފަ އެވެ. މިއީ ރޮބަޓަކަށް ގައުމެއްގެ ރަށްވެހިކަން ދިން ފުރަތަމަ ފަހަރެވެ. ސޯފިއާގެ ކުޅަދާނަކަން ފެނިފައި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ވަނީ ސޯފިއާ ބޭނުން ކޮށްގެން ބޮޑެތި ރަސްމިއްޔާތުތަށް ވެސް ހުށަހަޅާފަ އެވެ.

ހިތަށް އަރާފާނެ އެވެ؛ ރޮބަޓަކަށް އިންސާނުންހެން އިހްސާސްތައް ކުރެވޭނީ ކީއްވެ ހެއްޔެވެ؟ އޭގެ ޖަވާބު ވަރަށް ކުރެ އެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް އެވެ. މިއީ އިންސާނުން ފަދައިން ވިސްނާ ހަރަކާތް ކުރުމުގެ ހުރިހާ ގާބިލްކަމެއް ލިބިގެންވާ ޓެކްނޮލޮޖީ އެކެވެ. ސޯފިއާއަށް އަދި އިހްސާސްތއް ކުރެވެނީ ވަރަށް މަދުންނެވެ. ނަމަވެސް ސޯފިއާ އުފެއްދި ހަންސަން ރޮބަޓިކްސް ކުންފުނިން މަސައްކަތް ކުރަމުންދަނީ ސޯޕިއާގެ އިހްސާސްތައް ވަރުގަދަ ކުރާށެވެ.

"އަޅުގަނޑުމެންނަށް އަދި އެއްކޮށް ސޯފިއާގެ އިހްސާސްތައް ފުރިހަމަ ނުކުރެވޭ، އެކަމުގެ މަސައްކަތް ކުރަމުން މިދަނީ، އެކަމަކު ވަރަށް ކުޑަކޮށް މިހާރުވެސް ސޯފިއާގައި އިހްސާސްތަށް ހުންނާނެ، އެކަން އިންސާނެއްގެ މޫނުމަތިން ފާޅުވާހެން ސޯފިއާގެ މޫނުމަތިން ވެސް ފާހަގަ ކުރެވެން ހުންނާނެ" ރޮބަޓް އުފެއްދި ކުންފުނީގެ ވެރިޔާ އަދި ރޮބަޓް އުފެއްދި ފަރާތް ކަމަށްވާ ޑޭވިޑް ހަންސަން ވިދާޅުވި އެވެ.

ޑޭވިޑް ހަންސަން ވިދާޅުވީ، ސޯފިއާގެ މޫނުމަތިން އިހްސާސްތަކުގެ އަސަރު ފެންނަނީ ގިނަ އަދަދަކަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް ސޯފިއާ އުފެއްދުމުގެ އިތުރުން، ސޯފިއާގެ މޫނުގެ ހަދާފައިވަނީ އިންސާނުންގެ މޫނުގެ ހަންގަނޑާއި ވަރަށް އެއްގޮތަށް މަސައްކަތް ކުރާ އެއްޗަކަށްވުމުން ކަމަށެވެ. ސޯފިއާގެ އިހްސާސްތަށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް ޑޭވިޑް ހަންސަން ވަނީ ވިދާޅުވެފަ އެވެ.

"ސޯފިއާއަށް މިވާ ގޮތަކީ ކަމަކާ ދެރަވީމާ ދެން އަބަދުވެސް ހުންނާނީ ދެރެވެފަ، އެ ވަރިހަމަ ކިތަންމެ މަޖާ މަންޒަރެއް ދެއްކިޔަސް ހަމަ ދެރެވަފަ ހުންނާނީ، ދެން ޖެހޭނީ އޮފް ކޮށްފައި އޮން ކުރަން، މޫނުމަތިން އުފާވެރިކަމުގެ އިހްސާސް ފެނިއްޖެނަމަ ދެން ހުންނާނީ އުފާވެފައި. އެކަންތައް ބަދަލު ކޮށް އިހްސާސްތައް އިންސާނުންނެކޭ އެއްފަދައިން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވާނެ،" ޑޭވިޑް ހަންސަން ވިދާޅުވި އެވެ.

ސޯފިއާއަށް ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގެ ބޮޑު ސަމާލުކަމެއް ވެސް ލިބިގެން ގޮސްފަ އެވެ. އެގޮތުން ސޯފިއާ ވަނީ އަންނައުނު އުފައްދާ ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރުކަން ވެސް ކޮށްފަ އެވެ. އަދި ފެޝަން ޝޯތަކުގައި ވެސް ވާދަކޮށް ވަނަ ހޯދަފަ އެވެ. އެހެންކަމުން ސޯފިއާއަކީ އިންސާނަކަށް ނުވިޔަސް ހަމަ އިންސާނެއް ކަމަށް ޑޭވިޑް ހަންސަން ވަނީ ވިދާޅުވެފަ އެވެ.