އާސެނަލް

އާސެނަލްގެ މުޅި މިލުކުވެރިކަން އެމެރިކާގެ ބިލިއަނަރަށް

އާސެނަލްގެ ހިއްސާ އޮންނަ ރަޝިއާގެ އަލިޝާ އުސްމަނޯވްގެ ހިއްސާ، އާސެނަލްގެ އަނެއް ހިއްސާދާރު އެމެރިކާގެ ބިލިއަނަރު ސްޓޭން ކްރޮންކީއަށް ވިއްކާލުމަށް އުސްމަނޯވް އެއްބަސް ވެއްޖެ އެވެ.

އާސެނަލްގެ ހިއްސާގެގޮތުގައި ކްރޮންކީ އަތުގައި 67 ޕަސަންޓް ހިއްސާ އެބައޮތެވެ. އެއީ އޭނާގެ ކޭއެސްއީ ކުންފިނި މެދުވެރިކޮށެވެ. އުސްމަނޯވް އަތުގައި 30 ޕަސަންޓް ހިއްސާއެވެ. އެއީ 550 މިލިއަން ޕައުންޑްގެ އަގެކެވެ. އުސްމަނޯވްގެ ހިއްސާ ގަތުމަށް ކްރޮންކީ ވަނީ 1.8 ބިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. އުސްމަނޯވް ވަނީ އޭނާގެ އަތުގައި އޮންނަ ހިއްސާ ވިއްކާލަން އެއްބަސް ވެފަ އެވެ.

މިދިޔަ އަހަރު މާޗް މަހު އުސްމަނޯވްވެސް ވަނީ އާސެނަލްގެ 100 ޕަސަންޓް ހިއްސާ ގަތުމަށް ހުށަހަކާފަ އެވެ. ނަމަވެސް ހިއްސާ ވިއްކަން ކްރޮންކީ ދެކޮޅުހެދި އެވެ.

ކޭއެސްއީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާސެނަލްއަކީ އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގް ތައްޓަށް ވާދަ ކުރާވަރުގެ ޓީމަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ބާވިސް އަހަރަށް ފަހު އާސެނެލް ނިކުންނަނީ އާ ކޯޗަކާއެކު، އެޓީމުގެ ކުރީގެ ކޯޗް އާސެން ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު ކުލަބު ދޫކޮށްލާފަ އެވެ. މިހާެރުގެ ކޯޗަކީ ކުރިން ޕީއެސްޖީ އާއި ސެވިއްޔާއަށް ކާމިޔާބު ހޯދައިދިން އުނައި އެމްރީ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގްގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު އެ ޓީމު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.