ދުނިޔެ

ޑްރޯން ހަމަލާގެ ފަހަތުގައި ކޮލަމްބިއާ އޮތް ކަމުގެ ހެކި މަދޫރޯ ހާމަކުރައްވަނީ

Aug 8, 2018

ކަރަކަސް (އޯގަސްޓް 8) - ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ކޮލޮމްބިއާ ސަރުކާރުގެ އަތެއްވާ ކަމުގެ ހެކި ހާމަކުރައްވާނެ ކަމަށް މަޑޫރޯ ވިދާޅުވެއްޖެ އެވެ.

އެ ހަމަލާ ދީފައިވަނީ، ވެނެޒުއޭލާގެ ސިފައިންނަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި މަޑޫރޯ ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ.

ޓްވިޓާގައި ޕޯސްޓު ކުރެއްވި ވީޑިއޯ އެއްގައި މަޑޫރޯ ވިދާޅުވީ، އެ ހަމަލާދިނުމުގައި ބައިވެރިވި އެންމެން މިހާރު ހައްޔަރުކުރެވިފައިވާ ކަމަށާއި، ސަލާމަތީ ބާރުތަކުން މިހާރު ދަނީ އެ ހަމަލާ ރޭވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އެ ހަމަލާގެ ފަހަތުގައި ކޮލޮމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސް ހުންނެވިކަމުގެ އެކަށީގެންވާ ހެކި ވަނީ ލިބިފައި،" ވަރަށް އަވަހަށް އެ ހެކިތައް ހާމަކުރައްވާނެ ކަމަށް މަޑޫރޯ ވިދާޅުވި އެވެ.

ރައީސް ކަމުގެ ދައުރު އަންނަ އަންގާރަ ދުވަހު ހަމަވުމުން ވެރިކަމުން ފައިބާވަޑައިގަންނަވާ ސަންޓޯސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަދި ހަމަލާދިން ވަގުތު އޭނާ ހުންނެވީ އާއިލާގެ ހަފްލާއެއްގައި ކަމަށް ވިދާޅުވެފަ އެވެ.

ލައިވްކޮށް ކަވަރު ކުރަމުންދިޔަ ހަފްލާގައި، އެ ހަމަލާ ކެމެރާތަކަށް ވެސް އަރާފައިވެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި، މަޑޫރޯ ވާހަކަފުޅު ދައްކަވުމުން ދަނިކޮށް، ކުއްލިއަކަށް މައްޗަށް ބައްލަވާލައްވަ އެވެ. އަދި އެއާއެކު ސިފައިންތައް އެމަނިކުފާނު ސަލާމަތް ކުރުމަށް ހަރަކާތްތަތެރިވާން ފަށާތަން ވެސް ކެމެރާތަކަށް ވަނީ އަރާފަ އެވެ.

އެ ދެ ޑްރޯން ގޮއްވާލާފައިވަނީ މަޑޫރޯ ހުންނެވި ސްޓޭޖް ކައިރީގައިކަމަށް، އެ ގައުމުގެ އިންފޮމޭޝަން މިނިސްޓަރު ހޯހޭ ރޮޑްރިގޭޒް ވަނީ މީޑިއާތަކަށް ވިދާޅުވެފަ އެވެ.