ބޮލީވުޑް

ޕްރިތީ ޒިންތާ އެނބުރި ބޮލީވުޑަށް

ދެހާހުގެ ކުރީގެ އަހަރުތަކުގެ ބޮލީވުޑް ފިލްމުތަކުގައި މަގުބޫލު މޫނެއް ކަމުގައިވާ ޕްރިތީ ޒިންތާ އެނބުރި ބޮލީވުޑަށް އަންނަ ފިލްމު ހާމަކޮށްފި އެވެ.

"ކޮއި މިލް ގަޔާ" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ލިބުނު ޕްރިތީ 43، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އާ ފިލްމުގެ ޕޯސްޓަރު ވަނީ ދައްކާލާފަ އެވެ.

ފިލްމުގެ ނަމަކީ "ބައްޔާޖީ: ސުޕަހިޓް" އެވެ. ޕްރިތީއާއެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ސަނީ ޑިއޯލް އަމީޝާ ޕަޓޭލް، އަރްޝަދު ވަރްސީ އަދި ޝްރެޔާޝް ތަލްޕަޑޭ ހިމެނެ އެވެ.

ޕްރިތީ ކޮށްފައިވާ ޓުވީޓެއް.

ފިލްމު "ދިލް ސޭ" އިން 1998 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޕްރިތީ އެންމެފަހުން ފެނިގެންދިޔައީ 2013 ވަނަ އަހަރު ނިކުތް ފިލްމު "އިޝްކު" އިންނެވެ. އޭގެފަހުން ދެ ފިލްމެއްގައި ހާއްސަ ފެނިލުމަކުން ފެނިގެންގޮސްފައިވެ އެވެ.

ނުފޫޒުގަދަ އަންހެނެއްގެ ރޯލުން ޕްރިތީ ފެނިގެންދާ އެކްޝަން ކޮމެޑީ މި ފިލްމު ޑައިރެކްޓުކުރަނީ ނީރާޖް ޕަތަކް އެވެ. އާ ފިލްމާއެކު ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ ޕްރިތީއަށް އަނެއްކާވެސް ބޮލީވުޑަށް މަރުހަބާ ކިޔާފަ އެވެ.

މި ފިލްމު ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހު 19 ގަ އެވެ.