ދުނިޔެ

ޕާކިސްތާނު އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އިދިކޮޅުން މުޒާހަރާއަށް

Aug 9, 2018
1

އިސްލާމްއާބާދު (އޯގަސްޓް 8) - ޕާކިސްތާނުގެ ގައުމީ އިންތިހާބު ކާމިޔާބު ކުރައްވައި، އެ ގައުމުގެ އާ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި ކަމަށް އިދިކޮޅު ޕީޓީއައިގެ އިމްރާން ހާނު އިއުލާނު ކުރައްވާފައިވަނިކޮށް، ނަތީޖާ ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން މުޒާހަރާ ކޮށްފި އެވެ.

މިގޮތުން، އިއްޔެ ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަން ދޮށަށް އެއްވެ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އާއި މަރާލާފައިވާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ އިތުރުން އިދިކޮޅު އިތުރު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ މުޒާހަރާގައި ބައިވެރިވެ، ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް ތަހުގީގުކޮށް ދިނުމަށް ގޮވާލާފަ އެވެ.

ހާނުގެ ޕީޓީއައި ވަނީ ޖުމްލަ 272 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާއިރު، 115 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނަވާޒު ޝަރީފުގެ ޕީއެމްއެލް-އެން އަށް 64 ގޮނޑި ލިބިފައިވާއިރު، ބޭނަޒީރު ބުއްޓޫގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ވަނީ 43 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އަންނަ ހަފްތާގައި އަލަށް އިންތިހާބުވި މަޖިލީސް މެމްބަރުން ހުވާކުރާއިރު، ޕާކިސްތާނުގެ އާ ބޮޑުވަޒީރުކަމަށް 1992 ވަނަ އަހަރު ކްރިކެޓް ވާލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރެއްވި އިމްރާނު ހާނު އައްޔަންކުރާނެ ކަމަށް ބެލެވެ އެވެ.

ގާތްގަނޑަކަށް 106 މިލިއަން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ތިބިއިރު، ވޯޓުލާން ނިކުމެފައިވަނީ ގާތްގަނޑަކަށް 55 ޕަސަންޓު މީހުން ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.

މި އިންތިހާބުގައި 30 ސިޔާސީ ޕާޓީއަކުން 12،570 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއީ ޕާކިސްތާނުގެ ތާރީހުގައި، ރައްޔިތުން ވޯޓުލައިގެން ވިދި ވިދިގެން ދެ ދައުރަށް ސަރުކާރަކު އިންތިހާބު ކުރާ ދެވަނަ ފަހަރެވެ.