ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
އެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދުގެ 1:30 އަށެވެ.
ރައީސް މައުމޫންގެ މައްޗަށްކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފައިވާއިރު، ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށް ރައީސް މައުމޫން ވަނީ ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
މީގެ ކުރިން މި މައްސަލާގައި ބޭއްވި އިބުތިދާއީ އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމަވާފައެވެ. މިއަދަށް ތާވަލްކުރި އަޑުއެހުމުގައި އޮންނާނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުމެވެ.
ދައުލަތުން ވަނީ 33 ހެއްކެއް ރައީސް މައުމޫންއާ ދެކޮޅަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގިނައީ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވާ މީހުންނާއި އެ ފޮށީގައިވާ ބައެއް މައުލޫމާތުތައް އެނގޭ މީހުންނެވެ. އޭގެ އިތުރުން ހަތަރު ސިއްރު ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ކަޅު ފޮށި ފެނުނު ތިން ފުލުހަކާއި އިތުރު ހަ ފުލުހެއް ވެސް ހުށަހެޅި އެވެ.
ޝަރީއަތުގެ ކުރިން ދައުލަތުން ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުނާ ހުށަހެޅުއްވީ މައްސަލާގައި ހުށަހަޅާފައިވާ ހެކިބަސް ދޭ ފަރާތްތަކަށް ހިމާޔަތް ދިނުމުގެ އަމުރެއް ނެރުމަށެވެ. ހެކީންގެ މައުލޫމާތު ހާމަވެއްޖެނަމަ ހެކިބަސްދޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި މައްސަލައަށް ނުފޫޒު ފޯރުވުމުގެ ޖާގަ އޮތް ކަމަށް ވަކީލް ވިދާޅުވި އެވެ. ދެން ވަކީލް އެދުނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށެވެ. އެއީ އެ މައްސަލާގައި ހިމެނޭ ބަޔާންތަކާއި ލިޔުންތައް ސިއްރު ކުރުމަށެވެ.
ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރުނު މައްސަލާގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެމަނިކުފާނު ހުންނެވީ އެ މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރައީސް މައުމޫން މިހާރު ގެންދަވަނީ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.