(07 އޯގަސްޓް 2018 އާ ގުޅޭ)
މަޑު ހިނގުމުގައި އައިސް ޕާކުކޮށްފައި އޮތް ކާރަށް އަރަން އުޅުނު ވަގުތު އެތާ ކައިރީ ހުރި ރެސްޓޯރެންޓަކަށް ވަންނަން އައި ދެ ޒުވާނުން ފެނި އަރްސަލްއަށް ހުއްޓެވުނެވެ.
"ކީފާ... މިޢުވާނާއެކު" ކާރުގެ ދޮރުފަތުގައި ހިފަހައްޓާލި ގޮތަށް ހުރެ އަރްސަލްއަށް ބުނެލެވުނެވެ.
އަރްސަލް ދުރުގައި ބަލަން ހުއްޓައި ކީފާއާއި މިޢުވާނު ރެސްޓޯރެންޓުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކާރަށް އަރައި އިރުކޮޅަކު އަރްސަލްއަށް އިނދެވުނީ ފެނުނު މަންޒަރާ މެދު ވިސްނާށެވެ. ކީފާއާއި މިޢުވާނަކީ ރައްޓެހިންކަމެއް މީގެ ކުރީން އަރްސަލްއަށް އެނގިފައެއްނެތެވެ. އެ ދެމީހުން އެކަކު އަނެކަކު ދަންނަނީ ކިހިނެއްތޯ ބަލަން އަރްސަލް ޝައުގުވެރިވިއެވެ. މިޢުވާނުގެ ހިޔަނި އެއްވެސް ގޮތަކުން އޭނާގެ ދިރިއުޅުމަށް އެޅެން އަރްސަލް ބޭނުމެއްނޫނެވެ. ކީފާއާއި އަރްސަލްއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ހީނަރުވެފައި ވިޔަސް އަދިވެސް ކީފާއަކީ އަރްސަލް ދެކޭ ގޮތުގައި ރަޙުމަތްތެރިއެކެވެ. އޭނާގެ ރަޙުމަތްތެރީންގެ ތެރެއަށް މިޢުވާނު ވަންނަން ގަސްދުކުރާނަމަ އެކަމަކީ އަރްސަލް ކަންބޮޑުވާންޖެހޭނޭ ކަމެއްކަމުގައި އޭނާ ދުށްޓެވެ.
"ރާދު، ކީފާގެ ޚަބަރެއް މިއިން ދުވަހަކު ވިތަ؟" އޮފީސް ނިންމާފައި ރާދިން ގެއަށް އައިސް ވަން ވަގުތު ސޯފާގައި އިން އަރްސަލް އަހާލިއެވެ.
"ކިހިނެއްވީ؟" ރާދިންގެ ހިތަށް އެރީ ކީފާގެ އުނދަގުލެއް އަނެއްކާ އަރްސަލްއަށް ފޯރީ ކަމަށެވެ. އެހެންވެ އޮޅުން ފިލުވަން އޭނާ އަވަސްވެގަތެވެ.
"އަނެއްހެން ކަމެއްނުވޭ، އެހެންޏާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އާދެއެއްނު... އަހަރެންދެކެ ރުޅި އައިސްފައި ހުއްޓެއްކަމަކު ރާދުދެކެ އޭނާ ރުޅިއެއް ނާދެއެއްނު" އަރްސަލްއަށް ފެނުނު މަންޒަރު ރާދިންއަށް ސިއްރުކުރީއެވެ.
"ޑިނާނައިޓް އޮތް ރޭގެ ފަހުން އޭނާގެ ޚަބަރެއްނުވޭ، އަހަންނަށް ވެސް އެރޭ ވާހަކަދެއްކުނީ ވަރަށް ރުޅި އައިސްފައި ހުރެ، އެހެންވެ ޚަބަރެއްނުވާން ކަންނޭނގެ އެ ހުންނަނީ... އަންނާނަން އެއްޗެހި ބަދަލުކޮށްލައިގެން، ކާއެއްޗަކަށް އޯޑަރު ޖަހާބަލަ، މަ ވަރަށް ބަނޑުހައި" ރާދިން ބުނެލިއެވެ. އަރްސަލް ބޯޖަހާލުމުން ރާދިން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
"ކީފާއަށް ގުޅައިފިއްޔާ އަނެއްކާ އަނެއްކަންތައް، އެކަމަކު އޭނާ ގާތުން ނޫން ގޮތަކަށް މިޢުވާނާ އޮތް ގުޅުމެއް އޮޅުމެއްނުފިލާނެ، މިޢުވާނު ހުރިހާ ދޭތެރެއަކަށް ވަންނަންތަ އެ މަސައްކަތްކުރަނީ" ފޫހިކަމާއި ނުތަނަވަސްކަން ވެރިވެފައި އިން އަރްސަލްއަށް ބުނެވުނެވެ. އަދި ރާދިން ނުކުންނަންވާއިރަށް އޭނާ އެދުނު ކަންތައް ކޮށްދޭން ފޯނު ނެގިއެވެ.
"ކިހިނެއްތަ މިހާރު ތި އުޅެނީ" ސިޓިންރޫމަށް ނުކުތް ރާދިންއަށް ކާމޭޒު ދޮށުގައި ހުރި އަރްސަލް ފެނުމުން އަހާލިއެވެ. އޭނާ ނުކުތީ ފެންވަރާލައިގެންނެވެ.
"ތިބުނީ ކިހިނެއް؟" ރާދިން ބުނި އެއްޗެއް ދެނެގަންނަން އަރްސަލްއަށް ނޭނގުނެވެ.
"ކުރީން ދުވަހު އޮފީހަށް ނުކުތީ މެންދުރުވީ ފަހުން، މިއަދު އެއްގޮތަކަށް ވެސް އޮފީހަށް ވަދެނުލާ، ކިހިނެއްތަ އަރްސަލް އުޅެން ތި ގަސްދުކުރަނީ، އަހަންނަށް ފެންނަނީ ބައްޕަމެންގެއަށް ބަދަލުވަންޏާ ދެން ދިގު ނުދަންމާ އަވަހަށް ބަދަލުވާން، މިގޮތަށް އަހަރެމެން މިތަނުގައި އުޅުމަށްވުރެ ރަނގަޅުވާނެއެއްނު، ތީ އަރްސަލް ކުރީން އުޅުނު ވެސް ގޮތެއްނޫން... އަހަންނަށް އެނގޭ ނިމްރާ ދެކެ އަރްސަލް ލޯބިވާކަން، އެކަމަކު ދެ މީހުން އެކުގައި ތިހާ ގިނަ ވަގުތު ހޭދަކުރުމަކީ ރަނގަޅުކަމެއްނޫން، އަރްސަލްއަށް އެނގޭނެ އަހަރެން އެހާ ތަރުހީބުދޭ ކަމެއްނޫންކަން އެއީ" މޭޒު ދޮށުގައި އިށީންނަމުން ރާދިން ބުންޏެވެ.
"ޗިލް ބްރޯ... މާބޮޑަށް ބަނޑުހައިވެފައި ހުރީމަ ރުޅިގަދަ ތި ވަނީ، ރެޑީ ވެފައޭ މިހުރީ، އަވަހަށް ދެން ކާންފަށާ" ކުޑަކޮށް ހިނިއައިސްފައި ހުރެ ރާދިންގެ ކޮނޑުގައި އަރްސަލް ޖަހާލިއެވެ.
"ރުޅި ގަދަވަނީއެއްނޫން، ޔޫ ހޭވް ޓު ރެސްޕެކްޓް ހާ... ނިމްއާ ދެ މީހުން ވަރަށް ކްލޯސްކަން އަހަންނަށް އެނގޭ، ކުރީން ވެސް އަހަރެން ބުނިން ދޯ ނިމްގެ އިޙްސާސްތަކާ އަރްސަލް ބޭނުންހާ ގޮތަކަށް ކުޅެގެން ނުވާނޭ" ރާދިން ކަމެއް ހަނދާންކޮށްދިން ކަހަލައެވެ.
"ބްރޯ... އައި ޑޫ ރެސްޕެކްޓް ހާ، އެންޑް ސޫން... އައި ވިލް ޕްރޮޕޯސް ހާ، މިހާރު އެންމެ މުހިންމު ކަމަކީ އެއީ، މެރީކުރުން" އަރްސަލްގެ ވާހަކަތައް އަޑު އިވިފައި ރާދިން އިނީ ހުއްޓުން އަރާފައެވެ. ފަރުވާތެރިކަމާއެކު މާނަވީ ބެލުމަކުން އަރްސަލްއަށް ބަލަން އިނެވެ.
"ސީރިއަސް ވާހަކައެއްތަ؟" ރާދިން އަހާލިއެވެ.
"ޔެސް... އައި ވޯންޓް ހާ ފޯ ދި ރެސްޓް އޮފް މައި ލައިފް އެންޑް އާފްޓާރ" ލުއި ހިނިތުންވުމަކާއެކު އަރްސަލް ބޯޖަހަމުން ބުނެލިއެވެ. ރާދިންއަށް ވެސް ހިނިތުންވެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ.
"ރިއަލީ... އިޓްސް ގުޑް ޓު ހިއާ ދެޓް، ކޮންއިރަކު ނިންމި ނިންމުމެއްތީ" ރާދިން އިތުރަށް އޮޅުން ފިލުވަން އަހާލިއެވެ.
"އަހަންނަށް ސްކާލެޓްއާ ދުރަށް ނުދެވޭނެކަން އެނގުނީމަ... ޝީ އިޒް ބޯތް މައި ޑޭމްނޭޝަން އެންޑް މައި ސެލްވޭޝަން، ޝީ ރުއިންޑް މީ ފޯ އެނީވަން އެލްސް" އަރްސަލް ރަކިގޮތަކަށް ހީނލާފައި ބުނެލިއެވެ. ރާދިން ދެ ފަރާތަށް ބޯހޫރާލުމާއެކު ބާރަށް ހޭންފެށިއެވެ.
"ނިމް ކީކޭ ބުނީ" ރާދިން އެހިއެވެ.
"މި އިން އެއްވެސްކަމެއް އަދި ނޭނގޭނެ، ރާދު ގާތު އެކަނި މިބުނީ، ރިންގެއް ހަދަން ދީގެން މިއުޅެނީ، އެ ފައިނަލްވީމަ ޕްރޮޕޯސް ކުރަން ނިންމައިގެން މި ހުރީ" އަރްސަލް ރާވާފައި އޮތް ގޮތް ހާމަކުރިއެވެ.
"އަހަރެން ވެސް އާނާއަށް ޕްރޮޕޯސް ކުރަން ނިންމައިގެން މިއުޅެނީ، އެކަމަކު ރިންގެއް ޗޫސްކުރަން ނޭނގިގެން، އަރްސަލް ކިހިނެއް ވިސްނާފައި ޗޫސް ކުރީ، ނިމްއާ ޖެހިފައި އަރްސަލް ވަރަށް ބަދަލުވެއްޖެ އިނގޭ، މީގެ ކުރީން އަނގޮއްޓިއާ އެއްޗެހި ހޯދަން އުޅުނު މީހެއްނޫން ތީ، އައި ސްޓިލް ރެމެމްބަރ... ލޫން ގިފްޓަކަށް ޑައިމަންޑް ރިންގެއް ބޭނުންވުމުން އަރްސަލް ގޮސް އަނގޮއްޓި ޗޫސް ކުރުވީ އަހަރެން ލައްވާ" ރާދިންގެ ވާހަކައިން އަރްސަލްގެ މޫނުގައި ކުރިންވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
"އެހެންބުނީމަ މި ހަނދާންވީ، އައި ސްޓިލް ހޭވް ދެޓް ރިންގް، އެ ރިންގަށް ހަދަންވީގޮތެއް ގޮތެއް ނޭނގިފައި އެ އޮތީ، ތެދަށް ބުނަންޏާ ލޫންގެ ހަނދާން އާކުރުމަށް އަނގޮއްޓިއެއް މުހިންމެއްނޫން، އަހަންނާއި ލޫންއާއެކު ހޭދަވި ދުވަސްތައް މަތިން އަހަރެން ހަނދާނެއްނުނެތޭނެ" އަރްސަލް ބުނެލިއެވެ.
"އެހެން ރިންގަކާ ބަދަލުކުރަންވީނު، ނޫނީ ވިއްކާލަންވީނު" ރާދިން ޚިޔާލުފާޅުކުރިއެވެ. ކޮންމެވެސް ފިކުރެއްގައި އިންހެން އަރްސަލް މަޑުމަޑުން ބޯޖަހާލިއެވެ.
އިޝާ ނަމާދުގެ ފަހުން އަރްސަލްއަށް ޝައުން ގުޅިއެވެ. އޭނާ ދީފައި އޮތް އަނގޮއްޓި ހަދައިގެން ގެންނަން ޖެހޭނީ ރާއްޖޭން ބޭރުން ކަމަށްވާތީ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ނަގާނޭމަށް ޝައުން ބުންޏެވެ. އަރްސަލް ހީކުރި ވަރަށްވުރެ ގިނަސް ދުވަސް ވިޔަސް އޭނާ ނިންމީ މަޑުކުރާށެވެ.
* * * * *
ހަފްތާއެއްގެ ތެރޭގައި ރާދިންގެ އެދުމަށް ބިލާލުގެ ގާތަށް އެ ގެއަށް ބަދަލުވުމަށް ހުރިހާ ކަމެއް ނިންމިއެވެ. އޭގެ އިތުރުން އޭނާގެ އަންނައުތަކުން ބައެއް ޕެންޓުހައުސްގައި ބަހައްޓަން ނިންމިއެވެ. އެޕާޓްމެންޓުގައި ހުރި ދެ ޒުވާނުން ބޭނުންވާނޭ ހުރިހާ އެއްޗެއް ޕެކްކުރުމުގައި އެހީތެރިވުމަށް ޝީހާނާއާއި ނިމްރާ އައިސް އުޅުނެވެ.
ބުރާސްފަތިދުވަހާ ދިމާކޮށް އޮފީސް ނިންމާފައި އައި ގޮތަށް ރާދިންއާއި އަރްސަލް ހުރިހާ ފޮށިތައް އެރުވުމުގައި އުޅުނެވެ. ބޮޑު ޕިކަޕެއް ފުރެންދެން ދެ ޒުވާނުން ބޭނުންކުރާ ސާމާނު އަޅާފައި ހުރި ފޮށިތައް ހުއްޓެވެ. ޕިކަޕުގެ ޑްރައިވަރު ގާތު ދާންވީ އެޑްރެސް ބުނެ އޭގެ ފަހަތުން ސައިކަލުގައި ރާދިން ނައްޓާލިއެވެ. އަރްސަލް އައީ ކާރުގައެވެ.
ހ.ޕްރިމްރޯޒް ގޭގެ ދޮރޯށި ދޮށުގައި ބިލާލުއާއެކު މުއްޠަލިބު ވެސް ހުއްޓިލައިގެންތިއްބެވެ. ބިލާލުގެ އިރުޝާދަކަށް މަޑުކޮށްގެން ދެ ބިދޭސީ ނޯކަރުން ގޭ ކައިރީ ދުވާރުމަތީ މަޑުކޮށްލައިގެން ތިއްބެވެ. ގިނައިރެއްނުވެ ޕިކަޕަށްވުރެ ކުރީން ސައިކަލުގައި އައިސް ރާދިން ގޭ ކައިރީ މަޑުކޮށްލިއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޕިކަޕު ދުވާރާ ކައިރިކޮށްލައިފިއެވެ. ޕާކުކުރާނޭ ތަންކޮޅެއްނެތް އެ މަގުގެ ތަންކޮޅެއް ދުރުގައި ކާރު ބާއްވާފައި އަރްސަލް މަޑު ހިނގުމުގައި އައިއިރު ޕިކަޕުން ފޮށިތައް ބާލަން ފަށައިފިއެވެ.
"ޕިކަޕު ނައްޓާލީމަ، ކާރު ގަރާޖަށް ވައްދާލަންވީނު" އަރްސަލް އައިސް އަރާ ހަމަވުމާއެކު ބިލާލު ބުނެލިއެވެ. އޭނާ ކާރުގައި އައިކަން ރާދިން ބުނީކަން އަރްސަލްއަށް ނަގައިގަނެވުނެވެ. ބޯޖަހާލާފައި އަރްސަލް އައިސް ރާދިން ހުރި ދިމާގައި މަޑުކޮށްލައިފިއެވެ.
ހުރިހާ ފޮށިތަކެއް ގޯތިތެރެއަށް ވައްދައި ނިމުމުން ޕިކަޕަށް ފައިސާ ދެއްކީ މުއްޠަލިބެވެ. ދެ ފިރިހެން ދަރީންނާއެކު ބިލާލު ގޭތެރެއަށް ވަނެވެ. އެ މީހުންގެ ފަހަތުން މުއްޠަލިބު ވެސް އަތުވެއްޖެއެވެ.
"ދެބެންގެ ފޮށިތައް ވަކިންތަ ހުންނާނީ" ގޯތިތެރޭގެ އެއްފަރާތެއްގައި ބަރިބަރިއަށް ހުރި ފޮށިތަކަށް ބަލާލާފައި ބިލާލު އެހިއެވެ.
"އަޅުގަނޑާއި އަރްސަލްގެ ނަން ޖަހާފައި ހުންނާނީ، ނަންނުޖަހާ ފޮށިތަކުގައި ހުންނާނީ ފޮތާއި އެކަހަލަ ސާމާނު" ރާދިން ބުނެލިއެވެ. އެއާއެކު ފޮށިތައް ކައިރީ މަޑުކޮށްލައިގެން ތިބި ދެ ބިދޭސީ ނޯކަރުންގެ ގާތުގައި ރާދިންއާއި އަރްސަލްގެ ކޮޓަރިއަށް ފޮށިތައް ގެންދިއުމަށް ބިލާލު ބުންޏެވެ. އަދި ނަމެއް ނުޖަހާ ހުރި ފޮށިތައް ގެންގޮސް ސްޓަޑީގައި ބެހެއްޓުމަށް އެންގިއެވެ.
ބޮޑުކޮޓަރިއަށް ވަން ރާދިންއާއި އަރްސަލް ފެނުމުން އެ ކުދީންގެ އިންތިޒާރުގައި ސޯފާގައި އިން ޝަރުމީނަށް ކޮޅަށް ތެދުވެވުނެވެ. ރާދިންއާއި އަރްސަލްއަށް ގޮވާލާ ހިތުން ދޫ ހަރަކާތްކޮށްލެވުނެވެ. އެހެންނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރި ދޫ ބަންދުވީ އަރްސަލް ނުރުހިދާނޭ ހީވެގެންނެވެ. ބިލާލުއަށް މަޢާފުކުރި ނަމަވެސް ޝަރުމީނަށް އަރްސަލް މަޢާފުކުރާނޭކަން ނޭނގޭތީއެވެ. ހިތުގައި ރިހުން އުފެދުނެވެ. ދަރިފުޅާއޭ ކިޔާ ގޮވާލަން ޝަރުމީނުގެ ހިތް ގޮވަމުންދިޔައެވެ. ހުރިހާ ޖަޒުބާތެއް ހިތާއި ނަފްސު ވަށާލި ހިނދު ޝަރުމީނުގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. ރާދިންއާއި އަރްސަލް ބޮޑުވެ ފުރިހަމަ ޒުވާނުންނަށް ވީ ޝަރުމީނުގެ ލޯ ކުރިމަތީއެވެ. ތިން ފިރިހޭން ދަރީންގެ ނަސީބު އޭނާއަށް ލެއްވީތީ އެކަމާ އަބަދުވެސް ޝަކުރުވެރިވެއެވެ. ސިއްރުން ކަހަލަ ގޮތަކަށް އިސްޖަހާލައިގެން ހުރެ ޝަރުމީނު ލޯ ފުހެލިއެވެ. އަދި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަކީ ބިލާހަކަށްވެދާނޭތީ އިސްއުފުލައި އަނެއްކާ ވެސް ޝަރުމީނު ބަލާލީ އެ މީހުންނާ ނަޒަރު ވަކިކޮށްލަން ބޭނުންނުވެގެންނެވެ. ބިލާލުގެ ދެފަރާތުގައި ތިބެ ސޯފާތަކާ ދިމާއަށް ރާދިންއާއި އަރްސަލް އައެވެ. ޝަރުމީނުގެ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މި ފެންނަނީ ހާދަ ދިގު އިންތިޒާރެއްގެ ނިމުމެކޭ ޝަރުމީނުގެ ހިތަށް އެރިއެވެ.
"އެއްޗެއް ބޭނުންތަ މިގަޑީގަ؟ ކޮފީ ނޫނީ ސައި ގެނެސްދެންތަ؟" ޝަރުމީނު އަހާލީ ބިލާލުގެ ގާތުގައެވެ.
"މަޢުރިބު ނަމާދަށް ގޮވަން ދެން ގިނައިރެއްނެތެއްނު، އެކުދީން އެއްޗެއް ބޭނުމިއްޔާ ގެނެސްދީ، މުއްޠަލިބާ ދެ މީހުން މިތިބީ ވަރަށް ފަހުން ކޮފީއެއް ބޮއެގެން" ބިލާލު ބުނެލިއެވެ.
"އަޅުގަނޑު ބޭނުމެއްނޫން" ޝަރުމީނު ބަލާލުމުން ރާދިން ބުނެލިއެވެ. އެއާއެކު ދެން ޝަރުމީނު ބަލާލީ އަރްސަލްއަށެވެ. އޭނާ ވެސް ނޫންގޮތަކަށް ބަލާލާފައި ނިކަން އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.
ބޮޑުކޮޓަރީގައި ހުރި ސޯފާތަކުގެ ތެރެއިން އެއް ސޯފާގައި ބިލާލުއާއި މުއްޠަލިބު ތިއްބެވެ. ހަމަ އެފަދަ ދިގު ސޯފާއެއްގައި އެ މީހުންނާ ކުރިމަތިވާ ގޮތަށް އަރްސަލްއާއި ރާދިން އިނެވެ. އެ ދެބައި މީހުންގެ މެދުގައި އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި ޝަރުމީނު އިނެވެ. އަރްސަލްގެ ނަޒަރު ސިއްރުން ވިޔަސް ޝަރުމީނަށް ހުއްޓުނެވެ. ޑިޒައިން އެޅި ޝޯލްގެ ތެރެއިން ޝަރުމީނުގެ މޫނު ފެންނަލެއް އައްޔެވެ. އަރްސަލްގެ ހަނދާނަށް އައީ އުމުރުން ތޭރަ އަހަރުގައި ޝަރުމީނުގެ އިސްތަށިގަނޑުގައި އަލްޓިގޯ ތެރަސް ހޭކި ހަނދާނެވެ. އެކަމުގެ ސަބަބުން އޭރު ޝަރުމީނުގެ އޮތް ދިގު އިސްތަށިގަނޑު ކޮށާލަން ޖެހުނެވެ. އެހެންނަމަވެސް ޝަރުމީނު އެކަން މާބޮޑުކަމަކަށް ނުހެދިއެވެ. އިސްތަށިގަނޑު އަލުން ދިގުވެދާނޭ ކަމަށްބުނެ ނިންމާލީއެވެ. ބިލާލު ނުރުހުން ފާޅުކޮށް އަދަބު ދޭން އުޅުމުން އެކަން ހުއްޓުވީ ވެސް ޝަރުމީނެވެ. އަރްސަލްއަށް ކުރެވިފައި ހުރި ކަންތައްތައް ހަނދާންވުމުން އޭނާ އިސްޖަހާލިއެވެ. ޝަރުމީނު އޭނާދެކެ ރުޅި ނާންނަނީ ކީއްވެތޯ އަމިއްލަ ޟަމީރާ އަރްސަލް ސުވާލުކުރިއެވެ. މީގެ ކުރީން ޝަރުމީނުގެ ކިބައިގައިވަނީ ދެއްކުންތެރިކަން ކަމުގައި ހީވި ނަމަވެސް މިހާރު އެ ވިސްނުން އަރްސަލްގެ ބަދަލުވެއްޖެއެވެ. ޝަރުމީނަށް މަންމަގެ މަޤާމުދޭން އޭނާ ބޭނުމެވެ. އޭނާގެ ހުރިހާ ނަފުރަތަކާއި ކުރި ފުރައްސާރައަކަށް ޝަރުމީނު ކެތްތެރިވީއިރު އެކަމުގެ ބަދަލުގައި އެ މަންމަ ބޭނުންވި ފަދަ ދަރިއަކަށްވާން އަރްސަލް ބޭނުމެވެ.
"ހަލަފް ކޮބާ؟" ރާދިން އިނދެފައި އަހާލިއެވެ.
"ބައްޕަ ހީކުރީ ދަރިފުޅުމެންނާއެކު އަންނާނޭކަމަށް، ހަވީރު ދަރިފުޅުމެންގެ ހޮޓެލަށޭ ކިޔާފައި ގޮސްވީ" ބިލާލުގެ ވާހަކައިން އަރްސަލް އިސްއުފުލާ އޭނާއަށް ބަލާލިއެވެ. އަދި ރާދިންއާއި ދެމެދު ބަދަލުކޮށްލެވުނު ބަލާލުމުން ހަލަފް ހޮޓެލަށް އެ ދިޔައީ ނިމްރާއާ ބައްދަލުކުރަންކަން ދެ ޒުވާނުންނަށް އެނގުނު ކަހަލައެވެ.
"އެތާ ފްރެންޑަކާ މީޓުކުރަން ދިޔައީކަމަށް އެވާނީ، ފަހުން ދެން ގުޅާލާނީ" ރާދިން ބުނެލިއެވެ.
"ބައްޕައާއެކު މިސްކިތަކަށްނު ދެން ދާނީ" މަޢުރިބު ނަމާދަށް ގޮވާއަޑު ގޭ ކައިރީ ހުންނަ މިސްކިތުން އިވެން ފެށުމުން ބިލާލު ބުނެލިއެވެ. ރާދިން އެއްބަސްވުމުން އަރްސަލްއަށް ވެސް ނޫނެކޭ ބުނާކަށް ނުކެރުނެވެ.
* * * * *
ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ކާކޮޓަރީގެ މޭޒުދޮށުގައި އެންމެން ތިބިއިރު މަދީ ހަލަފްއެވެ. ރާދިން ގުޅުމުން މިރޭ ކުއްޖަކާއެކު ބޭރަށްދާން ހަމަޖައްސައިފައި އޮތްވާހަކަ ހަލަފް ބުންޏެވެ. އެހެންވެ ގެއަށް ދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި އޭނާ ބުންޏެވެ. އެ ޚަބަރުން އަރްސަލްގެ މޫނުގެ ކުލަ ބަދަލުވެއްޖެއެވެ. ނިމްރާއާއި ހަލަފް އެކުގައި ބޭރަށް ދަނީކަމަށް އޭނާއަށް ހީކުރެވުނީއެވެ. ހަވީރު އޮފީސް ނިންމާފައި އައިފަހުން ނިމްރާގެ ޚަބަރެއް ބަލާލާނޭ ވަގުތެއް އަދި އަރްސަލްއަށް ނުލިބެއެވެ. ބަދިގޭ މަސައްކަތްތައް ކުރަން އުޅޭ ޙާދިމު ކުއްޖާގެ އެހީގައި ޝަރުމީނު ހުރީ މޭޒުމަތި ތައްޔާރުކޮށްފައެވެ. ކުދީންނާއި ފިރިމީހާއެކު ޝަރުމީނު ވެސް ކާން އެރިއެވެ. އެންމެންނަށް ވެސް ފާހަގަ ކުރެވުނީ އަރްސަލް މާއަވަސް އަރުވާލާފައި ކައިގެން ފޭބިކަމެވެ.
"އަރްސަލް ހާދަ އަވަސްކޮށްލީ" ކައި ނިމުމާއެކު ދަނީކަމުގައި ބުނެ އަރްސަލް ނުކުމެގެން ދިއުމުން ބިލާލު އަހާލީ ރާދިން ގާތުގައެވެ.
"އެހާ ދުވަސްކޮށްފަ ގެއަށް އާދެވުނީމަ އާވެގެން އެ އުޅެނީ" ރާދިން މިހެން ބުނެ ހީނލިއެވެ. އެ ހުނުމުގައި ބިލާލު ވެސް ބައިވެރިވިއެވެ.
ފުރަތަމަ ފަންގިފިލާގައި ހުރި ބޮޑު ބެލްކަންޏަށް އަރްސަލް ނުކުމެ މަޑުކޮށްލިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ނިމްރާއަށް ގުޅިއެވެ.
"ހޭ މިވަގުތު ވަރަށް ބިޒީ" ފޯނު ނެގިގޮތަށް ނިމްރާ ބުނެލިއެވެ.
"ކީއްތިކުރަނީ؟ ތިހާ ބޮޑެތި ނޭވާ ތިލަނީ ކީއްވެ؟ ކޮންތާކު ތިހުރީ" ނިމްރާގެ އަވަސްވެފައި ހުރި ނޭވާއާއި އޭނާ މާ އަވަހަށް ފޯނު ބާއްވަން އުޅުމުން އަރްސަލްގެ ވިސްނުން އެނބުރުނީ މުޅިން އެހެން ދިމާއަކަށެވެ.
"ސާބަސް... އެޕާޓްމެންޓަގައެއްނު އުޅޭނީ... ކިހިނެއްވީތަ؟" ނިމްރާ އަހާލިއެވެ.
"ކޮބާ ހަލަފް؟" އަރްސަލް އަހާލިއެވެ.
"އަދިވެސް ތިގޮތް ބަދަލެއްނުވޭތަ؟ އަހަންނަށް ޓްރަސްޓެއް ނުކުރަންދޯ... އެހެންވިއްޔާ ބުނަން، މިހިރީ އޭނަ، އަހަރެމެން ދެމީހުން އެކަނި މިއުޅެނީ، ރޮމޭންޓިކް ޑިނާއެއް ނަގަނީ" ނިމްރާގެ ވާހަކަތައް ނުނިމެނީސް އަރްސަލް ފޯނު ކަނޑާލައިފިއެވެ.
"ކޮންތާކަށް ދަރިފުޅު" ހަލުވިކޮށް ސިޑިން ފައިބައިގެން އައި އަރްސަލް ބޮޑުކޮޓަރިން ނުކުންނަން ދިއުމުން ބިލާލު ތަންކޮޅެއް ބާރަށް އަހާލިއެވެ.
"ފްރެންޑަކާ މީޓުކޮށްލަން، ތަންކޮޅެއް ލަސްވެދާނެ ގެއަށް އާދެވޭލެއް" އަރްސަލް ބުނެލިއެވެ. އޭނާއަށް ބަލަން އިން ރާދިންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އަރްސަލް އެބުނާ ފްރެންޑަކީ ނިމްރާކަން ރާދިންއަށް ވަގުތުން އެނގުނެވެ.
"ރާދިން، ދަރިފުޅު މާ ހެވިފަ ތިއިނީ އަނެއްކާ އަރްސަލް ދާތަނެއް އެނގެނީތަ؟" ރާދިން އިންގޮތް ފެނި ބިލާލު އަހާލިއެވެ. އެއާއެކު އަވަސްއަވަހަށް ރާދިން ބޯހޫރާލިއެވެ.
"ކޮބާ މިހާރު އާނާއާއި ދަރިފުޅު ކައިވެނި ކުރަން ވިސްނައިފިންތަ؟ ބައްޕައަށް ޚަބަރުލިބޭ ދަރިފުޅުމެން ދެކުދީން އެކުގައި ވަގުތު ހޭދަކުރާކަން" ބިލާލު އިނދެފައި ޝިހާނާގެ ވާހަކަދެއްކުމުން ރާދިންއަށް ލިބުނީ ސިހުމެކެވެ.
* * * * *
އާންމުކޮށް ދުއްވާ ދުވެއްޔަށްވުރެ ބާރަށް ކާރުގައި އަރްސަލް އައިސް ހޮޓެލްގެ ޕާކިން އޭރިއާއަށް ވަނެވެ. ކާރުން ފޭބިގޮތަށް ކާރު ތަޅުލާފައި އޭނާ ދުވަމުން އައިސް ހޮޓެލްގެ ދޮރުން ވަނެވެ. ޕްރައިވެޓް އެލެވޭޓާއަށް ވަދެވުމުން ޕެންޓްހައުސްއާ ހަމައަށް ފޯރާލެއް ހުރީ ލަސްވެފައެވެ. އެލެވޭޓާގެ އެތެރެ ފާރުގައި އަރްސަލްއަށް ޖަހަން ވެސް ޖެހުނެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއެކު އަރްސަލްގެ ނޭފަތުގައި ޖެހުނީ ފޮނި އެއްޗެއް ފިހޭ ވަހެވެ. ކަންފަތުގައި ޖެހުނީ އެޕާޓްމެންޓު ތެރޭގައި ޖަހާފައި ހުރި އިނގިރޭސި ލަވައެވެ. ނިމްރާ ފެންނަން ނެތުމުން އޭނާއަށް ގޮވާލަން އުޅެނިކޮށް ބަދިގެ ތެރެއިން މީހަކު ލަވަކިޔާ އަޑު އިވުނެވެ. ކައުންޓަރު ކައިރިއަށް ޖެހިލިއިރު އަވަން ކައިރީ ގުދަށް ނިމްރާ އޮއްވާ ފެނުނެވެ. ވަގުތުން އަރްސަލްއަށް ހިނިތުންވެވުނެވެ. ދެފަރާތަށް ބޯހޫރާލުމާއެކު އަމިއްލަ ނިތްކުރީގައި އަރްސަލް ޖަހާލިއެވެ. ނިމްރާ އަވަން ކައިރިން ތެދުވެ އަތަށް ލައްވާފައި އޮތް އަންގި ނައްޓާލަމުން އެނބުރިލިއެވެ. ކުރިމަތީ މީހަކު ފެންނަން ހުރުމުން ނިމްރާއަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. އެހިނދު އަރްސަލް އޭނާގެ އަތުގައި ހިފައި ގާތަށް ދަމާލައިފިއެވެ.
"އިޓްސް މީ... ވާ ޔޫ އެކްސްޕެކްޓިންގް ސަމްވަން އެލްސް" އަރްސަލް ބުނެލިއެވެ.
"މިހާރު އެނގިއްޖެ އަހަންނަށް އިތުބާރުނުކުރާކަން" އަރްސަލްގެ މޭގައި މަޑުމަޑުން ޖަހާލަމުން ނިމްރާ ދުރަށް ދިޔައެވެ. އަރްސަލް ޖަހާލީ ހިނިގަނޑެކެވެ. (ނުނިމޭ)