ކުޅިވަރު

ސްކޮޑް ފައިނަލްކޮށް ގައުމީ ވޮލީޓީމު ތައިލެންޑް ކޭމްޕަށް

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަ ކުރާ ގައުމީ ވޮލީ ޓީމު ސްކޮޑް ފައިނަލުކޮށް ޓްރެއިނިން ކޭމްގައި ތައިލެންޑަށް ދާން ފުރައިފި އެވެ.

ވީއޭއެމްގެ ޖެނަރަލް ސެެކެޓްރީ އަދީލް (ބޭބެ) ވިދާޅުވީ ތައިލެންޑް ކޭމްޕްގައި ތިން މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށެވެ. އިންޑޮނޭޝިއާގެ ޖަކާޓާގައި ބާއްވާ ގޭމްސްއަށް ވޮލީ ޓީމު އިންޑޯނޭޝިއާއަށް ދާނީ ތައިލެންޑް މަގުންނެވެ.

ވޮލީ ޓީމުގެ ސްކޮޑް ނެގުމުގައި ޓީމުގެ ޓްރެއިނިންއަށް ހާޒިރު ވުމުގައި އަހަމިއްޔަތުކަން ދިން ކުޅުންތެރިންނަށް އިސްކަން ދީފައި ވެއެވެ. އެއީ ކުޅުންތެރިންގެ ޑިސިޕްލިން އާއި ކޮމިޓްމެންޓް ވަރުގަދަ ކުރުމުގެ ގޮތުން ވީއޭއެމުން އަޅާފައިވާ ފިޔަވަޅެކެވެ.

މިފަހަރުގެ ސްކޮޑްގައި، މިއަހަރު ބަންގުލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކުޅުނު ސްކޮޑުގެ ކުޅުންތެރިން ޓީމުގައި ހިމެނިފައި ވެއެވެ. އޭޝިއަން ގޭމްސްއިން އަންހެން ވޮލީ ޓީމަށް ފުރުސަތެއް ނުދެ އެވެ. އަދީލް ވިދާޅުވީ އަންނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރަން އަންހެން ޓީމު ތައްޔާރު ވާނެ ކަމަށެވެ. އެގޮތުން ބޭރުގެ ޓްރެއިނިން ކޭމްޕެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗަކީ މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) އެވެ. އޭނާގެ އެސިސްޓެންޓުން ގޮތުގައި މަސައްކަތް ކުރާނީ މުހައްމަދު ރިޝްވާން އާއި އަބްދުﷲ ޖުނައިދު އެވެ. ޓީމުގެ މެނޭޖަރަކީ އަލީ ލަތީފު އެވެ.

ގައުމީ ސްކޮޑު

އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) -ކެޕްޓަން-
އަލީ ހުޒާމް
އިސްމާއިލް ވިޝާމް (ބުޅިކޭ)
ހަސަން ނިލާމް (ޕާޓޭ)
އާދަމް ނަސީމް (އެޑަމް)
އަހްމަދު އަނިލް ނަސީރު
އަލީ މައުރޫފް
މުހައްމަދު މިމްރާހް
މުހައްމަދު ޝިމާއު
މުހައްމަދު މިމިރާހް ހަސަން (މިންމި)
ޝުއައިބު އަބުދުއް ލަތީފު
އާދަމް ފައިރޫޒު
މުހައްމަދު ނައީމް
ޖަވާމް އަލީ