ކަނޑުގެ ދިރުންތަކުގެ ތެރެއިން ވެލައަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރުމެކެވެ. ދިވެހި ކަނޑުތަކުން ނެތެމުންދާ ދިރުމަކަށް ވުމުން އެ ކަމަށްދެވޭ އިސްކަން ބޮޑުވެ ހިމާޔަތްކޮށް ވެލާ މަސް ކެއުމާއި ވެލާ ބިސް ނެގުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.
ވެލާ މަދުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހަމައެކަނި ހިމެނެނީ އެ ކަންކަންކަމެއް ނޫނެވެ. މޫދަށް ތަފާތު ކުންޏާއި ޕްލާސްޓިކް އެޅުމުގެ ސަބަބުންވެސް މި ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރެ އެވެ. ޕްލާސްޓިކްފަދަ ތަކެތީގެ ސަބަބުން މަރުވާ ވެލާގެ އަދަދު ގިނަ އެވެ.
ބ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ، ފޯ ސީޒަން ލަނޑާ ގިރާވަރުގައި ހުންނަ ވެލާ ރިހެބިލިޓޭޝަން ސެންޓަރުން ވަނީ މިފަދަ މޫދަށް އުކާލާ ކުނި ބުނީގެ ސަބަބުން މަރުގެ ފައްތަރަކަށް ގޮސްފައި އޮތް ވެލައެއް ސަލާމަތްކޮށްދީ އެއަށް ސަލާމާތްކޮށް ދީފަ އެވެ. އެމީހުނަށް ވެލާ ފެނުނީ މަސް ބާނަން ގެންގުޅޭ ދާގަނޑެއްގެ ތެރޭގައި އޮޅި ތާށިވެފައި އޮއްވަ އެވެ.
މި ވެލާއަށް އެމީހުން ދިން ނަމަކީ "އީވީ" އެވެ. ރިހެބިލިޓޭޝަން ސެންޓަރަށް އީވީ ގެންގޮސް ވަނީ ފަރުވާކޮށްދީފަ އެވެ. އީވީގެ ތޮށިތަކާއި ދެ ފިޔައެއް އޮތީ ހަލާކުވެފަ އެވެ. ނަމަވެސް ތިން މަސް ދުވަސްވަންދެން ފަރުވާކޮށް އީވީއަށް އަލުން ފަތާށާއި ޑައިވްކުރުމަށް އެމީހުން ދަސްކޮށްދިނެވެ.
ރަނގަޅުވުމުން އެމީހުން އީވީ ކަނޑަށް ދޫކޮށްލީ އީވީގެ ތޮށިގަނޑުގައި ކުޑަ ސެޓްލައިޓް ޓްރެކިން ޑިވައިސްއެއް ހަރު ކުރުމަށްފަހުގަ އެވެ. އެ ޑިވައިސްއިން އެނގުނު ގޮތުގައި އެއް ދުވަސް ތެރޭގައި އީވީ ވަނީ 15 ކިލޯމީޓަރު (9.3 މޭލު) ދުރަށް ދަތުރުކޮށްފަ އެވެ.
މޫދު ވެލާގެ ރިހެބިލިޓޭޝަން ސެންޓަރަކީ ލަނޑާ ގިިރާވަރުގައި ހުންނަ މެރީން ޑިސްކަވަރީ ސެންޓަރުގެ ދަށުން ހިންގާ ތަނެކެވެ. އީވީއަކީ އެތަނުން ފަރުވާކުރި 170 އަށްވުރެ ގިނަ ވެލާތަކުގެ ތެރެއިން އެއް ވެލާ އެވެ. މި ސެންޓަރު ހިންގަނީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ގްރޫޕެއް ކަމުގައިވާ ރީފްސްކްރެޕާސްއާއި ގުޅިގެންނެވެ.