ހަބަރު

ރައީސް ޔާމީން ބަލިވާނީ ސިއްސައިގެންދާ ވަރަށް: މާރިޔާ

މި އަހަރުގެ ރިޔާސީ އިންތިހާބުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ސިއްސައިގެންދާ ވަރަށް ވޯޓުން ބަލިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ރައީސް ޔާމީނަކީ ވާދަވެރި ސިޔާސީ މައިދާނާ ބީރައްޓެހި ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީން ކެމްޕެއިން ކުރައްވަނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ.

"ރައީސް ޔާމީނަށް ދަންނަވާލަން ބޭނުންވަނީ 23 ސެޕްޓެމްބަރުގައި ނެގޭ ވޯޓް ވާނީ ރައީސް ޔާމީން ސިހިވަޑައި ގަންނަވާނެ ވަރަށް ރައީސް ޔާމީން ބަލިވާނެ ވޯޓެކޭ. އެހެން މި ދަންނަވާލަނީ ރައްޔިތުންނާއި ގާތަށް ގޮސް ރައްޔިތުން ބުނާ އެއްޗެހި އަޑުއަހާފައި،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ރައީސް ޔާމީން ކެމްޕެއިނަށް ނިކުމެވަޑައިގެން، އެމަނިކުފާނު ރާއްޖެ ތަރައްގީ ކުރަން ފައިސާ ހޯއްދަވާ ގޮތް ނުބެލުމަށް ވިދާޅުވަމުންދާ ކަމަށާއި ނަމަވެސް އެގޮތަށް ދޫކުރެވެންނެތް ކަމަށެވެ.