އެޗްބީއޯގެ ހިޓް ޑްރާމާ "ގޭމް އޮފް ތްރޯންސް" ގެ މިހާރު ކުރިއަށްދާ ސީޒަނުގެ އަށް ވަނަ އެޕިސޯޑް މިދިޔަ އާދީއްތަ ދުވަހު ދެއްކިއިރު މިއީ ހުރިހައި ގޮތަކުން ވެސް ނިކަން ހާއްސަ އެޕިސޯޑެކެވެ. "ހާޑްހޯމް" ގެ ނަން ދީފައިވާ މި އެޕިސޯޑަކީ ފުރަތަމަ ފަހަރަށް "ގޭމް އޮފް ތްރޯންސް" ގެ މަޝްހޫރު "ވިންޓާ" ގެ ދުވަސްތައް އަސްލަށް ފެނިގެން ދިޔަ އެޕިސޯޑެވެ.
އޭގެ ފިނިކަމާއި ބިރުވެރިކަން ބެލުންތެރިންނށް ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވި، ގަދަފަދަ ކަމަށް ބުނެވޭ ޒޮމްބީސްތަކެއް ކަމަށްވާ ވައިޓް ވޯކާސްގެ ބައިގަނޑު ވެސް ފުރަތަމަ ފަހަރަށް ޝޯގެ ސްކްރީނުން ދައްކާލި އެޕިސޯޑެވެ. މީގެ އިތުރުން ޖޯން ސްނޯގެ އަތުގައި އޮންނަ ކަނޑި އަކީ އާދައިގެ ކަނޑިއެއް ނޫންކަން ވެސް މި ވަނީ އެނގިގެން ގޮސްފަ އެވެ. އެއީ ވެލޭރިއަން ސްޓީލް އެވެ.
ކޮންމެއަކަސް މި ދައްކާ އެއްވެސް ވާހަކައެއް "ގޭމް އޮފް ތްރޯންސް" ނުބަލާ ނުވަތަ މި ޝޯއާ ބީރައްޓެހި ފަރާތްތަކަކަށް ފަހަރެއްގައި ނޭނގިދާނެ އެވެ.
އެހެންވިޔަސް ދެން މި އޮތީ މި އެޕިސޯޑުން ފާހަގަކުރެވުނު އަނެއް ހާއްސަކަމުގެ ވާހަކަ އެވެ. އޮރިޖިނަލް ފޮތުގައި ނެތް ވަރަށް ގިނަ މަންޒަރުތަކެއް ދެއްކި މި އެޕިސޯޑް އެންމެ ބޮޑަށް ހާއްސަވެގެން ދަނީ އޭގެ ފަހު ކުރިމަތިލުމުގައި އެމެރިކާގެ މަޝްހޫރު ހެވީމެޓަލް ބޭންޑެއް ބޭނުންކޮށްފައިވާތީ އެވެ.
މިއީ ފަހަރެއްގައި މިފަދަ ޓީވީ ޝޯތަކުގެ އާ ޓްރެންޑަކަށް ވެސް ވެދާނެ އެވެ. "ވޯކިން ޑެޑް" ގައި ހެވީ މެޓަލް ބޭންޑް އެންތުރެކްސްގެ ކެމިއޯއެއް ވެސް ހިމަނާފައިވެ އެވެ.
"ގޭމް އޮފް ތްރޯން" ގެ "ހާޑްހޯމް" އެޕިސޯޑްގެ ހާއްސަ ފެނިލުމަކުން ބެލުންތެރިން ސިއްސުވާލީ ހެވީ މެޓަލް ބޭންޑް މެސްޓޯޑޮން އެވެ. މި ބޭންޑްގެ ބްރެންޓް ހިންޑްސް އާއި ބިލް ކެލީހާ އަދި ބްރެން ޑެއިލާ ޝޯގެ ފަހު ކުރިމަތިލުމުގެ ތެރެއިން ފާހަގަނުކުރެވުނަސް ވައިޓް ވޯކާސްއާ ދެކޮޅު ކުރިމަތިލުމުގައި ނިކަން ފޯރި ދައްކާލި އެވެ.
ތިން މެމްބަރުންވެސް ހެދުން އަޅައިގެން ތިބީ ވައިލްޑްލިންގެ ގޮތުގަ އެވެ.
މި ބޭންޑްގެ މެމްބަރުންނަށް ޝޯ އިން ފުރުސަތު ދިނީ އެޗްބީއޯގެ މި ޝޯ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޭން ވެއިސްގެ މާ ފެވަރިޓް ބޭންޑަކަށް އެމީހުންވާތީ އެވެ. ބޭންޑުން ވަނީ "ގޭމްސް އޮފް ތްރޯންސް" ގެ ކެޗް ދަ ތްރޯން މިކްސް ޓޭޕަށް "ވައިޓް ވޯކާ" ގެ ނަމުގައި ފަހުން ލަވައެއް ވެސް ހަދިޔާކޮށްފަ އެވެ.