ހަބަރު

ޖޫރިމަނާ ކުރީ ސްޓޭޝަން ނައްތާލުމަށް: ރާއްޖެޓީވީ

ޖޫރިމަނާ ކުރެވެން އޮތް އެންމެ ބޮޑު އަދަދުން ރާއްޖެޓީވީ ބުދަ ދުވަހު ޖުރިމަނާކުރި ކުރުމަކީ އެ ސްޓޭޝަން ނައްތާލަން އެޅި ފިޔަވަޅެއް ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.

ރާއްޖެ ޓީވީ، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން އެ ސްޓޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ބްރޯޑްކޮމްގެ މެމްބަރުން ރާއްޖެޓީވީ އަށް "ހޭ އަރުވާލުމުގެ" މަގްސަދުގައި މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނުގެ ތެރެއިން ލިބި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެ ފިޔަވަޅު އެޅުމަކީ އެ ސްޓޭޝަން ނައްތާލުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ދެކޭ ކަމަށެވެ.

އެ ފިޔަވަޅަކީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ރާއްޖެޓީވީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް ހުރަސް އަޅާ ފޯކަސް ގެއްލުވާލުމަށް ކުރި ކަމެއް ކަމަށް ސްޓޭޝަނުން ދެކޭކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވަނީ، މި އަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން މީހަކު ދެއްކި ވާހަކައެއް ވަގުތުން ރާއްޖެޓީވީން ގެނެސްދިން އިރު އޭނާ ދެއްކި ވާހަކައިގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ވާހަކަތަކެއް ހުރި ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ހުރި ކަމަށް ބުނެ އެވެ.