ބޭރު ކުޅިވަރު

ބްލެޓާއާ ނުލައި ފީފާ އަށް އަދި ފުޓްބޯޅަ އަށް ވާނީ ކިހިނެތް؟

Jun 4, 2015

ސެޕް ބްލެޓާ ފީފާގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަކީ މުޅި ދުނިޔެ ސިއްސުވާލި ޚަބަރެކެވެ. ގިނަ ބަޔަކު ހައިރާންކޮށްލީ ބޮޑު އަޣުލަބިއްޔަތަކުން އާ ދައުރަކަށް ހޮވިވަޑައިގެންފައި ވަނިކޮށް އިސްތިއުފާ ދެއްވުމުންނެވެ.

ކޮންމެ ގޮތެއް ވިޔަސް ދުނިޔޭގެ ފުޓްބޯޅައިގެ ފޮތް ކިޔައި ދެމުން އައި ސެޕް ބްލެޓާގެ ޗެޕްޓާ ނިމުނީ އެވެ. އެހެންވީމަ، ފީފާ އަށާއި ދުނިޔޭގެ ފުޓްބޯޅަ އަށް ދެން ވާނީ ކިހިނެތް ހެއްޔެވެ؟

ސެޕް ބްލެޓާ ފީފާ އިން ފައްސާލުމަށް ދުނިޔެ ނުކުތީ އެ ބޭފުޅާގެ ޒައާމަތުގައި ފީފާ ކޮރަޕްޓް ޖަމިއްޔާއަކަށް ބަދަލުވެ، އެންމެ މަގްބޫލު ކުޅިވަރު ހަލާކުވަމުންދާ ކަމަށް ބުނެ އެވެ.

މިއޮތްހާ ދުވަހު އަމާޒުވި ފާޑުކިޔުންތަކާއި ދިއްކުރި ތުހުމަތުގެ އިނގިލިތަކަށް ބްލެޓާގެ އެއްވެސް ފަރުވާލެއް ނެތެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ފާޑުކިޔުންތެރިންގެ އަނގަމަތީގައި ގެންދެވީ އިނގިލި އަޅުއްވަމުން ގަދަ ބަސް ވިދާޅުވަމުންނެވެ.

ނަމަވެސް ކުއްލިގޮތަކަށް އެ ވަޑައިގެންނެވީ އެވެ.

ސެޕް ބްލެޓާގެ އިސްތިއުފާގެ އަސްލު ސަބަބު ދުނިޔެ އަށް ނޭނގުނަސް ފީފާ އަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާ މި އިސްތިއުފާއާ ގުޅުން އޮތްކަން އެންމެނަށް ވެސް އެނގެ އެވެ. އެމެރިކާގެ އެފްބީއައި އިން ސީދާ ބްލެޓާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ބަލަމުންދާ ކަމުގެ ރިޕޯޓް ވަނީ އިއްޔެ ފެތުރިފަ އެވެ.

އެހެންވީމަ ވާން އުޅޭ ގޮތް ނުވަތަ ބްލެޓާގެ ހަޔާތް ޖެހެން އުޅޭ ތޫފާނެއްގައި ހުރި އަސަރަކާއި ބާރެއް އަހަރެމެންނަކަށް ނޭނގުނަސް އެކަން ބްލެޓާ އަށް ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ. އެ ބޭފުޅާގެ އިސްތިއުފާ އިން ސާބިތުކޮށްދެނީ އެކަމެވެ.

ނުވަތަ ބްލެޓާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަކީ އަދިވެސް އެންމެ ފަހުރުވެރި ޗެމްޕިއަނަކީ އޭނާކަން ދެއްކުމަށެވެ. ތާރީޚުގެ ތެރެއަށް ނަން ދާއިރު އެ ނަން މުޑުދާރުވެފައި އޮތުމަށް ވުރެ "ފީފާ ސަލާމަތްކުރެއްވި ބޭފުޅާ" ގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެ ވަޑައިގަތުން މާ ބުއްދިވެރިވާނެ ކަމަށް ބްލެޓާ އަށް ވިސްނިވަޑައިގަތީ ކަމަށް ވެދާނެ އެވެ. 

އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާނުކުރެއްވިއިރު ވެސް ބްލެޓާ ދެއްކެވި ވާހަކަ އަކީ ފީފާ އިސްލާހުކުރަން ފުރުސަތު ދެއްވަން ބޭނުންވެ ވަޑައިގަންނަވާ ވާހަކަ އެވެ.

ފީފާގެ އޮޑިޓް އަދި ކޮމްޕްލެއިންސް އިދާރާގެ ވެރިޔާ ޑޮމެނިކޯ ސްކާލާ ވަނީ މުޅި ފީފާ އަށް އިސްލާހު އަންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ނަމަވެސް ފީފާގައި އިސްލާހުކުރުމަކީ ބުނެލާހާ ފަސޭހައިން ކުރެވެން އޮންނަ ކަމެއް ވެސް ނޫނެވެ. މީގެ ކުރިން ފީފާގެ އެކި އިސްލާހުތަކެއް ހުށަހެޅި މެމްބަރުންގެ ތާއީދުނުލިބިގެން ވަނީ އެ އިސްލާހުތައް ފާސްނުވެފަ އެވެ.

އެކަމަކު ބައެއް ފަރާތްތަކުން ބުނަނީ ފީފާގެ އިސް އޮފިޝަލުންތަކަކާ ދެކޮޅަށް މިހާރު ކުރިއަށް ގެންދާ ދެ ތަހުގީގާ ގުޅުވައިގެން ފިއްތުން އިތުރުކޮށް ފީފާ އިސްލާހުކުރެވިދާނެ ކަމަށެވެ. އެހެންވީމަ ފީފާ އިސްލާހުކުރަން މި ޖެހެނީ ފާޑަކަށް ބިރު ދައްކާށެވެ.

ބްލެޓާ އަށް ފީފާ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު އެގޮތުން ފާހަގަކޮށްލެވޭ އެންމެ ހާއްސަ ބަދަލަކީ ރައީސް ކަމުގެ ދައުރުގެ މުއްދަތު ކުރުކުރުމެވެ. މިހާރު އޮންނަނީ ހަތަރު އަހަރެވެ.

ބްލެޓާ އެ ވަޑައިގަންނަވަނީ 17 އަހަރު ރައީސްކަން ކުރެއްވުމަށް ފަހު އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ފީފާގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރި ވެރިޔަކީ ބްލެޓާއެއް ނޫނެވެ. ބްލެޓާގެ ނަން އޮތީ މި ލިސްޓުގެ ތިން ވަނައިގަ އެވެ.

ދައުރުގެ މުއްދަތު ކުރު ކުރުމުގެ އިތުރުން ރައީސް ލިބިވަޑައިގަންނަވާ މުސާރައިގެ ތަފްސީލު ވެސް އާންމުކުރުގެ އިސްލާހު ކުރިއަށް އެބައޮތެވެ. ފީފާގެ ރައީސްގެ މުސާރަ ކުރިން ދުވަހަކު ވެސް އާންމުކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން ވެސް ފާހަގަކޮށްލެވޭ އެހެން އިސްލާހުތައް އެބަހުއްޓެވެ.

ވަރަށް ގިނަ ބަޔަކު ބުނާ ގޮތުން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ފީފާ އިން ރަޝިއާ އާއި ގަތަރަށް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިކޮށްގެންނެވެ. ފީފާ އާއި ބްލެޓާއާ އެމެރިކާ އިން އަދި ޔޫރަޕްގެ ގައުމުތަކުން ޖައްސާލި އެންމެ ބޮޑު ސަބަބަކީ ވެސް މިއީ އެވެ.

ރަޝިއާ އާއި ގަތަރަށް ދިން ފުރުސަތުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ސާބިތުވާ ތަހުގީގީ ރިޕޯޓްތަކެއް އެމެރިކާގެ އެޓާނީ ޖެނެރަލް މައިކަލް ގާސިއާ ތައްޔާރުކުރައްވާފައި ވެސް ވެ އެވެ. ފީފާ އިން އެ ބޭފުޅާ ހަޔާކޮށްގެން ހިންގި ތަހުގީގަށް ފަހު އެކުލަވައިލެއްވި ރިޕޯޓް ފީފާ އިން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

އެ ރިޕޯޓްގެ އެއްބައި އާންމުކުރި މައްސަލާގައި އެމެރިކާ އާއި ފީފާއާ ދެމެދު ވެސް އޮތީ މައްސަލަ ހޫނުވެފަ އެވެ.

މާނަ އަކީ ފީފާ އިން ރަޝިއާ އާއި ގަތަރަށް ވޯލްޑްކަޕް ދިނުމަށް ކޮރަޕްޝަން ހިންގާފައިވާކަން ސާބިތުކޮށްދެވޭ ވަރުގެ ލިޔެކިޔުންތަކެއް ވެސް އުޅޭ ކަމެވެ.

އެހެންވީމަ އެންމެފަހުން މައްސަލަ ގޮވައިގެން ދާއިރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕާއި ގަތަރުގެ މުބާރާތަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ހެއްޔެވެ؟ ވަގުތު އޮތީ ރަޝިއާގެ ކޮޅުގަ އެވެ.

ތައްޔާރީތައް މިހާތަނަށް ގޮސްފައިވާ ހިސާބަށް ބަލާއިރުގަ އާއި ކޮލިފައިންގެ މަރުހަލާ ގޮސްފައިވާ ހިސާބަށް ބަލާއިރު ރަޝިއާގައި މުބާރާތް ބާއްވާނެ އެވެ.

މުބާރާތަށް މިހާރު އޮތް ވަގުތަށް ބަލާއިރު ރަޝިއާ އަތުން ވޯލްޑް ކަޕް ނަގައި ޔޫރަޕްގެ އެހެން ގައުމެއް މުބާރާތަށް ތައްޔާރުކުރުމުގެ ފެންވަރެއް އެއްވެސް ގައުމަކު ނެތެވެ.

އެހެންވީމަ ފީފާގެ ކޮރަޕްޝަންގެ މައްސަލައިގެ ހަމަލާއެއް އެރިޔަސް އަރާނީ ގަތަރަށެވެ. ނަމަވެސް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އަތުލަން މަސައްކަތްކޮށްފި ނަމަ އެކަމާ ދެކޮޅަށް ބޭނުންކުރެވެން ހުރި ހުރިހާ ބާރެއްގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ގަތަރުން ވަނީ މިހާރު ވެސް ދީފަ އެވެ.

ޔޫރަޕާއި އެމެރިކާ އިން އުޅެނީ އެމީހުންގެ ބާރު ހިނގާ ތަނަކަށް ފީފާ ވެސް ނުހެދިގެންނެވެ. އެމެރިކާ އާއި ޔޫރަޕަށް ރަޝިއާ އާއި ރަޝިއާ ފަދަ އެމީހުންގެ ބަސް ނާހާ އެހެން ގައުމުތަކާ ރަނގަޅަށް ޖައްސާލެވެން އޮތީ މިހެން ކަމަށް ވާތީ އެވެ.

ކޮންމެއަކަސް ފީފާ ދޫކޮށް ބްލެޓާ ވަޑައިގަންނަވާއިރު އޭނާ އެންމެފަހުން ވެސް އިންތިޚާބުވެ ވަޑައިގަތީ ފުރިހަމަ އަޣުލަބިއްޔަތާ އެކުގަ އެވެ. މި ތަރުހީބު ނުލިބި ފީފާގެ ރައީސްކަމެއް ނުކުރެވޭނެ އެވެ.

ޔޫރަޕާއި އެމެރިކާގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނާނީ ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ނަމަވެސް ޔޫރަޕުން ބޭރުގައި ތާއީދެއް ނެތެވެ.

ޕްލެޓިނީ އަށް ފަހު ދެން އެންމެ ފުރުސަތު ބޮޑީ ނިމިގެން ދިޔަ ކޮންގްރެސްގައި ބްލެޓާއާ ވާދަކުރެއްވި އުރުދުންގެ ޕްރިންސް އަލީ އެވެ.