ހަބަރު

ޕާޓީގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުން: ލޭބާ ޕާޓީ

އަަލަށް އުފައްދަން އިލެކްޝަަން ކޮމިޝަން (އީސީ) އިން ހުއްދަ ދީފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އެންމެ މުހިންމު ސިޔާސަތަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް އެޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅާފައިވާ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ހަސީން ވިދާޅުވީ، މޯލްޑިވްސް ލޭބާ ޕާޓީ އަކީ ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ހަރަކާތްތަކާއި ސޯޝަލް ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެ، ސެންޓާ ލެފްޓް ފިކުރުގެ ޕާޓީއެއް ކަމަށެވެ. އަދި ބައިނަލް އަގްވާމީ އުސޫލުތައް ކުރިއަރުވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ އިގްތިސޯދާއި ރާއްޖޭގެ މުޖުތަމައާ ގުޅޭގޮތަށް ކަމަށެވެ.

"ރާއްޖެއަށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ ޕާޓީއެއްގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ ހިނދު، ޕާޓީގެ ސިޔާސަތުގެ އެންމެ މުހިންމު ބިންގަލަކަށްވާނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމާއެކު ވާތުފިޔައިގެ މެދުމިނުގެ ސިޔާސީ ފިކުރެއް ކުރިއެރުވުން، އަދުލު އިންސާފާއި އިޖްތިމާއި އަދާލަތު، ލާމަރުކަޒީ ހިންގުން، އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ އަކީ މިޕާޓީގެ މައިގަނޑު އަސާސްތައް، " ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ، ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ޕާޓީތަކާއި ހިލާފަށް ލޭބާ ޕާޓީގައި މަސައްކަތް ތެރިންގެ ޖަމިއްޔާތަކާއި ޕްރޮފެޝަނަލް އެސޯސިއޭޝަންތަކަށް ހާއްސަ ދައުރެއް ލިބިގެންވާނެ ކަމަށެވެ. އަދި އެގޮތުން ޕާޓީގެ ކައުންސިލްގައި އެފަދަ ޖަމިއްޔާތައް ތަފްސީލްކޮށް ސިޔާސަތު އެކަށައެޅުމުގައި ބަސްކިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ހަސީން ވިދާޅުވި އެވެ.

އަދި ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިހާރު ކުރިއަށްދަނީ ޕާޓީ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކަމަށް ހަސީނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޕާޓީގެ އަސާސްތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކާއި ބައްދަލުކޮށް ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ހަސީން ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓީމްއާ އިއްޔެ ބައްދަލުކޮށް ޕާޓީގެ މައިގަނޑު އަސާސްތަކާއި ސިޔާސަތުތައް ހިއްސާކުރުމުގެ އިތުރުން ޕާޓީގެ މަގުސަދު ހާސިލް ކުރުމަށް ކުރާ މަސައްކަތުގައި ޓީމްގެ އެއްބާރުލުންމަށް ވަނީ އެދިފަ،" ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ، ޕާޓީގެ ވަގުތީ ކައުންސިލެއް އެކުލަވާލައި ޕާޓީގެ އަސާސީ ގަވާއިދާއި ސިޔާސަތުތައް އެކުލަވާލައި ޕާޓީގެ ހަރަކާތްތައް ރޭވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީން ހުއްދަ ދީފައިވަނީ މިމަހު ފަސް ވަނަ ދުވަހު އެވެ. ހަސީން ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސްގެ ނަމުގައި އެ ޕާޓީ އުފައްދާށެވެ. ނަމަވެސް އެ ނަމުގައި ޕާޓީ އުފެއްދުމަށް އީސީ އިން ހުއްދައެއް ނުދިނެވެ.