ހަބަރު

ރައީސް ޔާމީންއަށް އުމުރު ދުވަހު ސެލިއުޓް ކުރަން ޖެހޭ: ނިހާން

Aug 10, 2018
16

ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ވިލިމާލޭ 2 ގެ ނަމުގައި މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެވަޑައިގެން ވައުދަކީ ވިލިމާލެ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އުމުރު ދުވަހު އެމަނިކުފާނަށް ސެލިއުޓް ކުރަން ޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ތަރައްގީ އާ ޒަމާނަކަށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ވިލިމާލޭ 2 ގެ ނަމުގައި މަޝްރޫއެއް ފައްޓަވާނެ ކަމަށާއި 18 އަހަރުން މަތީ ކޮންމެ މީހަކަށް 1000 އަކަފޫޓުގެ ގޯއްޗެއް ދެއްވާނެ ކަމަށް ރައީސް ޔާމީން ވެވަޑައިގެން ވައުދަކީ ވިލިމާލެ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އިންތިހާއަށް ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

ނިހާން ވިދާޅުވީ، މުޅި މާލެއަށް ގެނެވޭ ބަދަލަކީ މުޅި ރާއްޖެއަށް ގެނެވޭ ބަދަލެއް ކަމަށާއި އެއީ ހަމައެކަނި މާލެ، ވިލިމާލެ އަދި ހުޅުމާލެ ރައްޔިތުންނަށް ގެނެވޭ ބަދަލެއް ނޫން ކަމަށެވެ.

"ވިލިމާލެ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އިންތިހާއަށް ފަހުރުވެރިވެ. އުމުރު ދުވަހު ރައީސް ޔާމީނަށް ސެލިއުޓް ކުރަން ޖެހޭ ކަމެއް، މާލެއާ ވިލިމާލެ ގުޅުވާލެވޭނެ ހިސާބުން ފެއްޓިގެން އެލިބެނީ ވިލިމާލެ ރައްޔިތުންނަށް ލިބެންވީ ހުރިހާ އަރާމަކާއި އިއްޒަތަކާއި ލައްޒަތަކާ ޝަރަފަކާ ހުރިހާ ކަމެއް، އެހާ ކުޑަކުޑަ ރަށެއްގައި އެހާބޮޑު އާބާދީއެއް، އަދި މިވަގުތު އޮތް ހާލަތުންވެސް ހޮސްޕިޓަލްތަކަކާއި، މަދަރުސާތަކަކާއި އަދި އެނޫން ކަންތައްތައް ގާއިމް ކުރުމަކީ ރަށުގެ ޖާގައިގެ ގޮތުން އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ، ނަމަވެސް ރައްޔިތުން އަޅުގަނޑާއެއްކޮށް ތިއްބެވީ މިއަދުގެ އުންމީދުގައި، މާލެއާ ވިލިމާލެ ގުޅުވާލާނެ ކަމުގެ އުންމީިދުގައި،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ވިލިމާލެއާ މާލެ ގުޅުވާލެވޭނެކަން ޔަގީންވާ ސަބަބަކީ މާލެއާ ހުޅުލެއާ ގުޅުވާލެވިފައިވާ ބްރިޖް މިއަދު ފެންނަން އޮތުން ކަމަށާއި އެކަން ނުފެންނަ ކަމަކަށް ނުވާނެ ކަމަށެވެ. މިއަހަރުގެ އިންތިހާބުގައި ރައީސް ޔާމީން ހޮއްވަވައިފިނަމަ މާލެ އިން ވިލިމާލެއަށް ކާރުގައި ނުވަތަ ސައިކަލްގައި ދަތުރު ކުރާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، މުޅި މާލެ ތޮއްޖައްސަވައި އެހެން ރަށްތައް ފަޅު ކުރުމުގެ ވިސްނުމެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށާއި ރައީސް ޔާމިންގެ ވިސްނުން އަބަދުވެސް ހުރީ އާބަން ސެންޓަރުތަކެއް އަތޮޅުތަކުގައި ގާއިމް ކުރެވޭނެ ގޮތްތަކެއް ގާއިމް ކުރެވުން ކަމަށެވެ.

"މިޔަށް އަޅުގަނޑުމެން ޖަވާބުދެން، ކުޅުދުއްފުއްޓަކީ އެއްކޮށް ހިއްކިފަ އޮތް ރަށެއް، އެކަމަކު އެރަށަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވާތީ އެއާޕޯޓްގެ މަސައްކަތް އެގެންދަވަނީ ކުރިއަށް، އުތުރުގެ ދެތިން ދިމާލެއްގައި ބިން ހިއްކުމުގެ މަސައްކަތް އެދަނީ ކުރިއަށް، އޭދަފުށީގައި ވެސް އެވަނީ ހިއްކަވާފަ، މިއީ ވިސްނުންތެރިކަމުގައި ޕްލޭނާއެކުގައި ސަރަހައްދެއްގައި ހުންނަ ބޮޑު ރަށްތަކުގެ ތެރެއިން ފަޅު ބޮޑު ރަށްރަށަށް މިގޮތަށް މީހުން ގެނެވޭނެތޯ މަސައްކަތް ކުރަން ހިންގާ ކަންކަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީން ނެންގެވި ދަރަނީގެ ތިންގުނަ ނުވަތަ ހަތަރުގުނަ އެސެޓް ރާއްޖެއަށް ގެނެސްދީފައިވާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ނިމޭއިރު 20 މިނެޓުން މަތިން އެއްވެސް ތަނަކަށް ނުދެވޭ ރަށެއް ނޯންނާނެ ކަމަށެވެ.