ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.
މިރޭ ޖަމީލު ޕީޕީއެމްގެ އޮފީހަށް ވަޑައިގެންނެވިއިރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވެސް އޮފީހުގައި އުޅުއްވެވި އެވެ. އަދި ދެ ބޭފުޅުން ބައްދަލު ވެސް ކުރެއްވި އެވެ. ނަމަވެސް މި ބައްދަލުވުމަކީ ނުރަސްމީކޮށް ދިޔަ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމަށްފަހު ކޮންގްރެސްގެ ނައިބު ރައީސް އަހުމަދު ނިހާން ވަނީ ޖަމީލަށް ތައުރީފް ކުރައްވައި ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ ޖަމީލަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށެވެ.
ޖަމީލު ޕީޕީއެމާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް މީގެ ކުރިން ފެތުރުނެވެ. ރައީސް ޔާމީން ވެސް އެކަން ޕީޕީއެމްގެ ކައުންސިލާ ހިއްސާ ކުރެއްވި އެވެ. ކައުންސިލް ހުރިހާ މެންބަރުން ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ.
ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްއަކީ ޖަމީލެވެ. އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އޭނާގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓާއެކު އެވެ. އޭރު ޕީޕީއެމްގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން އަދި ރައީސް ޔާމީން ވެސް ޖަމީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ޖަމީލު ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެންޓި ކެމްޕެއިން ވެސް ކުރެއްވި އެވެ. ފަހުން ޖަމީލު ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. މިހާރު ވެސް އެ ޕާޓީގައި ހުންނެވިއިރު ޕާޓީގެ ޓިކެޓްގައި ވިލިމާލެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެފަ އެވެ.