ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމަށް ތާއީދުކޮށްދިނުމަށް ޖަލުގައި ހުންނެވި ކާނަލް މުހައްމަދު ނާޒިމްގެ އާއިލާއިން އެދެފި އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އާއިލާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނާޒިމް އިންސާފުން މަހުރޫމްވެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ކަމަށެވެ. އިންސާފު ނުލިބި ނާޒިމް ޖަލުގައި ހުންނަތާ 180 ދުވަސް ވެފައިވާއިރު އެންމެ ކުޑަމިނުން ބޭސްފަރުވާގެ ހައްގުންވެސް ނާޒިމް މަހުރޫމްވެފައިވާ ކަމަށާއި އެ ހުރިހާ ކަމެއް އެގޮތަށް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒުން ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
"ޑޮކްޓަރުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ބޭސްފަރުވާ ކުރުމުގެ ހައްގެއް ނުލިބެ އެވެ. ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނުލިބެ އެވެ. ގާނޫނީ ހަމަތަކަށް ބަލާއިރު ކްލައިމެސީ ލިބެންޖެހުނަސް ރައީސް ޔާމީން ހިތްޕުޅާ ނުވާތީ އެ ހައްގުން ވެސް ވަނީ މަހުރޫމްކޮށްފަ އެވެ،" އާއިލާއިން ބުނެފައިވެ އެވެ.
އެހެންކަމުން ނުހައްގުން އަނިޔާ ލިބެމުންދާ ފަރާތްތަކުގެ ހައްގު ހޯދައިދީ، އެފަދަ ފަރާތްތައް މިނިވަންކުރުމަށް އިބޫއާއި ފައިސަލް އަށް ކުރިއަށް އޮތް އިންތިހާބުގައި ތާއީދުކޮށްދިނުމަށް އެ އާއިލާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމައިގެ ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ. އަދި ޝަރުއީ ތިން މަރުހަލާ ވެސް ނިިމި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ އޭނާއަށް ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.