ލ. ފޮނަދޫގައި ހުންނަ ޕީޕީއެމްގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ތަމްސީލު ކުރައްވާ ދާއިރާ އަދި އުފަން ރަށުގައި ހުންނަ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން އެ ޖަގަހާގެ ގޮނޑިތަކަށާއި ފާރުތަކަށް ކަޅުތެޔޮ ޖަހާ ވަނީ ގެއްލުންދީފަ އެވެ.
ޕާޓީގެ ޖަގަހައަށް ކަޅުތެޔޮ ޖަހުމާ ގުޅިގެން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވަނީ އެކަން އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވައިފަ އެވެ. ޖަގަހައަށް ކަޅުތެޔޮ ޖަހާފައި ހުރި ފޮޓޯތަކަކާއެކު ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އަލިފާނާއި ކަޅުތެޔޮ ޖަހައިގެން ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލައިގެން ވޯޓު ލިބޭނެ ކަމަށް އުންމީދު ނުކުރެއްވުމަށެވެ.
މި އަހަރުގެ ތެރޭގައި މާލޭގައި ހުންނަ ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބަޔަކު ވަނީ ރޯވެސްކޮށްލައިފަ އެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.