ހަބަރު

"ރާއްޖޭގެ ވެރިއަކަށް ހުންނަން ވަނީ ކިޔަވައިގެން ހުރި ގަޓް ހުރި ވެރިއެއް"

Aug 28, 2018
16

ރާއްޖޭގެ ވެރިއަކަށް ހުންނަން ޖެހޭނީ ކިޔަވައިގެން ހުރި ގަޓް ހުރި ވެރިއެއް ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި އެއްބަސްވެވިފައިވާ އުސޫލީ ސިޔާސަތުތަކެއްނެތް ކަމަށާއި ދެބަސްވުންތަކުގެ ތެރެއަށް ގޮސް ގައުމު ހުއްޓި ގައުމު މިހާރު މިދާ މިސްރާބު ބަދަލުވެ އިގްތިސޯދީ ގޮތުން ގައުމު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

"މިފަދަ ހާލަތަކަށް ދިވެހި ގައުމު ގެންދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން، އަޅުގަނޑުމެން ބޭނުންވަނީ މިސަރުކާރު ދަމަހައްޓަން، މިސަރުކާރުގައި އިސްލާހު ކުރަން އޮތް ކަމެއް އިސްލާހު ކޮށްގެން ރައީސް ޔާމީންގެ ޒައާމަތު ދެމެހެއްޓުން، ރާއްޖޭގެ ވެރިއަކަށް ހުންނަންވާނީ ހިތްވަރު ގަދަ، އަޒުމް ވަރުގަދަ، ގަޓްހުރި، ތައުލީމީ އަދި ތަޖްރިބާ ހުރި މީހެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، މި ޒަމާނުގައި ދައުލަތްތަކުގެ ވެރިކަން ކުރަން ޖެހޭނީ ކިޔަވާފައިތިބި ތައުލީމީ ހުނަރުވެރި އަދި ތަޖްރިބާ ހުރި ވެރިއެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދަނީ ވަރަށް ހިތްވަރާއެކުގައި ކަމަށާއި އިންތިހާބު ވަަރަށްވެސް ތަނަވަސް އަގްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މިކަމަކީ ވަރަށް މަތީ ދަރަޖައަކަށް ޔަގީން ކުރެވޭ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"މިއަތޮޅުގެ ހުރިހާ ރަށަކަށް އަރާ ނިމުނީ، އަޅުގަނޑަށް ފެނުނީ ވަރަށްވެސް ރީތި މަންޒަރުތަކެއް، ރައްޔިތުންގެ ތާއީދާ އެއްބާރުލުން ރައްޔިތުންނަށް އޮތް މަންޒަރުތައް، ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައްޔިތުން ތާއީދު ކުރައްވަމުން ގެންދަވާ މަންޒަރުތައް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، މިއަހަރުގެ އިންތިހާބަކީ މިގައުމުގެ މުސްތަގްބަލް ކަނޑައަޅާނެ އިންތިހާބެއް ކަމަށެވެ. އެ އިންތިހާބުގައި ކަނޑައެޅިގެން ދަނީ ރައްޔިތުން ކުރިއަށްދާނީ ތަރައްގީއާ އިމްރާނީ ކުރިއެރުމާއި ސުލްހަވެރިކަމާއެކުތޯ ނުވަތަ ބައިބައިވުމުގެ ތެރެއަށް ނުވަތަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށްތޯ ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ކަށަވަރު ތަފާތު މިޒާޖްތަކަށް އެކުލެވޭ ކޯލިޝަން ސަރުކާރަކީ ކާމިޔާބު ސަރުކާރަކަށް ނުވާނެ، އެފަދަ ސަރުކާރެއް މީގެ ކުރިންވެސް ގާއިމްވި، އެހެން ނަމަވެސް 21 ދުވަހުގެ ތެރޭގައި އެސަރުކާރު ރޫޅިގެން ގޮސް އެއުރެންގެ މެދުގައި ތަޅާފޮޅުންތައް އިތުރުވެގެން ދިޔައީ، ކުރިއަށް މިއޮތް އިންތިހާބުގައިވެސް އެފަދަ ބަޔަކަށް ސަރުކާރު ލިބިއްޖެނަމަ ވާނީ ހަމަ އެގޮތަށް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން އިތުރު ފަސް އަހަރަށް ދައްމާލައިފިނަމަ ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން އިތުރުވެގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ރައްޔިތުން ހޮއްވަވައިދެއްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.