ހަބަރު

މޭޑޭގައި ހިންގަން އުޅުނީ އެންމެ ބޮޑު ބަޣާވާތް: ޝަހީމް

މޭޑޭގެ ބަޣާވާތަކީ އެންމެ ބޮޑަށް ރާވައިގެން ޣައިރު ގާނޫނީކޮށް ރާއްޖޭގެ ސަރުކާރެއް ވައްޓާލުމަށްޓަކައި ދިވެހި ތާރީހުގައި ހިންގަން އުޅުނު އެންމެ ބޮޑު ބަޣާވާތް ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫ ކުރިމަގު އަވަށުގައި ހުރި ޕީޕީއެމް ޖަގަހަ ރޭ ހުޅުވައިދެއްވައި ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި އެގޮތުން ރައީސް ޔާމީން ވަނީ އިސްލާމީ އުންމަތާއި ވަރަށް ގާތް ގުޅުމެއް ދަމަހައްޓާފައި ކަމަށެވެ. އަދި އެއްފަރާތުން ބްރިޖް ތަރައްގީ ކުރަމުންދާއިރު، އަނެއް ފަރާތުގައި އެންމެ ބޮޑު އިސްލާމީ މަރުކަޒު ބިނާ ކުރަމުންދާ ކަމަށާއި އެއީ ދަމަހައްޓަން ބޭނުންވާ ތަރައްގީ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ގައިގާ ނުޖައްސަވަނީސް އިސްވެ އެހެން މީހެއްގެ ގައިގަ އެމަނިކުފާނު ނުޖައްސަވާނެ ކަމަށާއި އެކަމަށްޓަކައި މިއަދު ފަހަތުގައި ހުންނަވަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި މިއަދު އެމަނިކުފާނު ފަހަތްޕުޅުގައި ހުންނަވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކޮށްދެއްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"މިއަހަރުގެ ވެރިކަން ރައީސް ޔާމީނަކަށް ކާމިޔާބު ކުރެވިއްޖެނަމަ އެފެށިގެން ދަނީ ރައީސް ޔާމީންގެ އަމިއްލަ ވެރިކަން، މިހެންމި ދަންނަވަނީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލުމަށްޓަކައި ކިތަންމެ ގޮންޖެހުމެއް ކުރިމަތި ކުރުވި، ހާއްސަ ގޮތެއްގައި މޭޑޭގައި ހިންގި ހަރަކާތަކީ އެއީ ރާއްޖޭގެ ތާރީހް އިންސާނުންގެ ބުއްދިއަށް ގެނެވޭނެ އެންމެ މަތީ ދަރަޖައަކަށް ރާވައިގެން ޣައިރު ގާނޫނީކޮށް ރާއްޖޭގެ ސަރުކާރު ވައްޓާލުމަށްޓަކައި ތާރީހްގައި ހިންގަން އުޅުނު އެންމެ ބޮޑު ބަޣާވާތް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެ ބަޣާވާ ކާމިޔާބުވިނަމަ ރާއްޖޭ ގެއްލިގެންދާނެ ކަމަށާއި އޭގެ ފަހަތުގައި ވަނީ ބޭރުގެ ފަރާތްތައް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވީ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވި ވަގުތަކީ ފަސޭހަ ވަގުތެއް ނޫން ކަމަށާއި އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެވަގުތަކީ ރާއްޖޭއަށް ބޭރުގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ދުވަސް ވަރެއް ކަމަށާއި އެހެން ނަމަވެސް އެކަންތައްތައް ކުޑަ ކުރައްވައި އުމްރާނީ ގޮތުން ރާއްޖެ އާ އުސްމިން ތަކަކަށް ގެންދަވައި އެތައް މަޝްރޫއުތަކެއް ހިންގެވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލި ނަމަވެސް އެއާޕޯޓެއް ނުވަތަ ބަނދަރެއް ނުވަތަ ބޮޑު މަޝްރޫއެއް ކުރިއަށްދާތަން އަޅުގަނޑުމެންނަށް ފެންނާނެ، އަދި މި މަޝްރޫއުތަކަކީ ވަކި ދާއިރާއަކަށް ހުރި މަޝްރޫއެއް ނޫން، ހުރިހާ ދާއިރާއަކަށްވެސް، އިޖްތިމާއީ ދާއިރާއަށްވެސް ސިއްހީ ދާއިރާއަށްވެސް، ތައުލީމީ ދާއިރާއަށްވެސް އަދި ކިތަންމެ ދާއިރާއަކުން މުހިންމު އެތައް މަޝްރޫއުތަކެއް ފައްޓަވާ އެކަންތައްތައް ކުރިއަށް ގެންދަވާ އަދި މިހާރު ވަރަށް ގިނަ މަޝްރޫއުތައް އިފްތިތާހްކޮށް ހުޅުވައި ހިދުމަތް ރައްޔިތުންނަށް ދެއްވަން ފައްޓަވަމުން އެމަނިކުފާނު އެގެންދަވަނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖެ މިއަދު މިހާ ހިސާބަށް އާދެވުނީ ވަރަށްވެސް ހިތްވަރު ގަދަ ޒައާމަތަކަށްް ކަން ގަބޫލު ކުރަންޖެހޭ ކަމަށާއި އެހެން ކަމުން އެ ޒައާމަތް ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ދިވެހި ޒައާމަތުގައިި މިއަދު ހުންނަން ޖެހޭނީ ވަރަށް ހިތްވަރު ގަދަ ރައީސެއް، ވަރަށް ގަޓް ހުރި ރައީސެއް، ތަޖްރިބާކާރު ރައީސެއް، ރައީސް ޔާމީނަކީ ވަޒީރުކަން އެތައް އަހަރެއް ވަންދެން ކުރައްވާފައިވާ ބޭފުޅެއް، މަޖިލީހުގެ މެންބަރުކަންވެސް އެތައް އަހަރެއް ވަންދެން ކުރައްވާފައިވާ ބޭފުޅެއް، އެހެން ކަމުން އެފަދަ ޝަހްސިއްޔަތެއް ރާއްޖޭގެ ސިޔާސީ ވެށިން މިވަގުތު ފެންނާކަށް ނެތް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ނަވަކީ ފެތެމުންދާ ނަވެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށާއި ރައީސް ޔާމީންގެ ނަވެއް ނުފެތޭނެ ކަމަށެވެ. އަދި އެ ނަވަަށް ހުރިހާ ރައްޔިތުން އެރުމަށްވެސް ޝަހީމް ވިދާޅުވި އެވެ.