ހަބަރު

އެންމެން ތިބީ ބަދަލަކަށް ކެތްމަދުވެފައި: ފައިސަލް

ކޮންމެ ރަށަކަށް އެރުމުން ވެސް ފެންނަނީ އެއް ކަމެއް ކަމަށާއި އެއީ ރައްޔިތުން ބަދަަލަށް ކެތްމަދުވެފައިތިބި މަންޒަރު ކަމަށް އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކަށް އެރުމުންވެސް ފެންނަނީ އެއް ކަމެއް ކަމަށާއި ބަދަލަކަށް ބޭނުންވެފައިވާ މިންވަރާއި ބަދަލަކަށް ކެންމަދުވެފަ ތިބި މިންވަރު ކަމަށެވެ. ރައްޔިތުން ބަދަލަކަށް އެދި ގޮވަމުންދަނީ އެއްވެސް ސަބަބުތަކެއް ނެތިއެއް ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ދިވެހިން އެދެނީ ބަދަލަށް، ވަރަށް ގިނަ ސަބަބުތަކާއެކު، އަޅުގަނޑުމެން މިވަނީ ހިތާމައިގެ ފުން ވަޅުގަނޑެއްގެ ތެރޭގައި، ރާއްޖޭގެ އާއިލާތައ މިވަނީ ހިތާމައިން ފުރިފަ، ގައުމީ މަސައްކަތެއްގެ ގޮތުގައި އެބަ ޖެހޭ މިކަން ކުރަން، ކޮންމެ ރަށަކަށް އައުމުންވެސް ތަފާތު އެކި ޝަކުވާތައް އޮހެމުންދަނީ، ރައްޔިތުން މިދައްކަނީ އަޅާލުން ކުޑަވާހަކަ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަކީ މުޅި ޅ، އަތޮޅު ފަހުރުވެރިވާ އޯގާތެރި އިހްލާސްތެރި ދަރިއެއް ކަމަށެވެ. އިބޫ ފަދަ ނަސީބެއް ގައުމަށް ލިބިފައިވާއިރު ގައުމު އަނދަވަޅަކަށް ވެއްޓިފައިވާ ވަގުތު އެކަމަށް ފުރަގަސް ދިނުމަކީ ތޫނު ފިލި ރައްޔިތުން ކުރާނެ ކަމެއް ނޫން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ގުޅިފައިވާ އިއްތިހާދެއްގެ ސަރުކާރެއްގައި ރައްޔިތުންނަށް މިހާރު ވިސްނި ވަޑައިގަންނަވާނެ ކޮންފަދަ އޯގާވެރިކަމާ ކޮންފަދަ ގާތްކަމާއެކު ކަން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ތިބޭފުޅުންގެ ހާދިމުންގެ ގޮތުގައި މަސައްކަތް ކުރުމުންދާ އިރުގައި މިހާރު ރައްޔިތުންނަށް ތަސައްވުރު ކުރެވޭނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އަޅުގަނޑުމެން ފަހަތުގައި ތިބީ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ވަރުގަދަ ލީޑަރުންތަކެއް ކަމަށާއި އަޅުގަނޑުމެން ފަހަތުގައި ތިއްބެވި ބޭފުޅުން ތިއްބެވީ ގައުމީ މަސައްކަތެއްގައި ކަމަށެވެ. އަދި ސިޔާސީ ފިކުރެއް އޮތްނަމަ ހުރިހާ ފިކުރެއް ދޫކޮށް ގައުމުގެ ހައްގުގައި، ގައުމަށް އާރާސްތުކަމާއި ހަމަޖެހުމާއި އަމާންކަމާއި އިންސާފާއި ހަމަހަމަކަން ގެނައުމަށްޓަކައި ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އެބޭފުޅުން ތިއްބެވީ ލިބޭ ގެއްލުމަކަށް ބެލުމެއްނެތި، ލިބޭ ހިތްދަތި ކަމަކަށް ބެލުމެއް ނެތި، ގެއްލިގެންދާ މުދަލަކަށް ބެލުމެއްނެތި، އާއިލާގެ ދަރީންނާއި އާއިލާގެ ބޭފުޅުންނަށް ލިބެމުންދާ ގެއްލުމަކަށް ބެލުމެއްނެތި ތިބޭފުޅުންނަށްޓަކައި ގުރުބާނީތަކެއް ވެވަޑައިގެން، އަޅުގަނޑު ހުރިހާ ރައްޔިތުންގެ ނަމުގައި ސެލިއުޓް ކުރަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ކޯލިޝަން ސަރުކާރުގައި މަސްވެރިކަމުގެ ނަފާ ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ. އަދި ފެލިވަރުގެ ފެކްޓްރީ އިތުރަށް ފުޅާކޮށް ވަޒީފާ އަދާ ކުރުމުގެ މާހައުލު ރަނގަޅުކޮށް ލިބޭ އުޖޫރަ އިތުރަށް ރަނގަޅުކޮށްދޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.