ދުނިޔެ

ވެނެޒުއޭލާގެ އިދިކޮޅު އޮފިޝަލަކު ހައްޔަރުކުރަން އިންޓަޕޯލްގައި އެދިއްޖެ

Aug 11, 2018

ކަރަކަސް (އޯގަސްޓް 10) - ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން އަވަށްޓެރި ކޮލޮމްބިއާގައި ދިރިއުޅޭ އިދިކޮޅު އޮފިޝަލަކު ހައްޔަރުކޮށްދޭން އިންޓަޕޯލްގައި އެދިއްޖެ އެވެ.

ދެ ޑްރޯން ގޮއްވައިލައިގެން ދިން ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ 10 މީހުން ހައްޔަރުކުރެވިފައިވާއިރު، އޭގެ ތެރޭގައި އިދިކޮޅު މަޖިލީސް މެމްބަރުން ވެސް ހިމެނެ އެވެ.

ހަމަލާގައި ބައިވެރިވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމާލާދީފައިވަނީ އެމެރިކާއަށް ވާގިދޭ ކޮލަމްބިއާގެ ޖަމާއަތަކުން ކަމަށް މަޑޫރޯ ވަނީ ފަހުން ވިދާޅުވެފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސްގެ އަތެއް ވާނެ ކަމަށް ވެސް މަޑޫރޯ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް، ކޮލަމްބިއާ ސަރުކާރުން ވަނީ މަޑޫރޯގެ އެއްވެސް "އަސާސެއް" ނެތް ތުހުމަތުތައް ދޮގުކޮށްފަ އެވެ.