މެންޗެސްޓާ ސިޓީ

މެންޗެސްޓާ ސިޓީގައި ފައިސާއެއް ނެތް!

ބޭނުންވާ އަދަދަށް މި ސީޒަންގައި ކުޅުންތެރިން ނުގެނެވުނު ކަމަށާއި އެއީ މި ސީޒަންގައި މެންޗެސްޓާ ސިޓީ އަތުގައި ފައިސާ ނެތުމުން ކަމަށް އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ ބުނީ، މި ސީޒަންގައި ދެ ކުޅުންތެރިން ޓީމަށް ގެނައުމަށް އޭނާ މަސައްކތް ކުރި ކަމަށެވެ. ސިޓީން މި ސީޒަން ގައި ގެނައީ ލެސްޓާ ސިޓީގެ އަލްޖީރިއާގެ ވިންގާ، ރިޔާދު މަހްރޭޒް އެވެ.

"މި ސީޒަންގައި އަހަރެމެން އަތަކު މާ ބައިވަރު ފައިސާއެއް ނެތް، އެއީ ހަގީގަތެއް،" ގާޑިއޯލާ ބުންޏެވެ. "އަހަރެން އަތުގައި އޮތް ޓީމާ މެދު އަހަރެން ހިތްހަމަޖެހޭ، އަހަރެން ބުނިން އަހަރެމެން ސޮއި ކުރުވާނަމޭ އެކެއް ނޫނީ ދެ ކުޅުންތެރިން ނަމަވެސް ދެ ވަނަ ކުޅުންތެރިޔާގެ ކަންކަން ހަމަނުޖެހުނު."

އިނގިރޭސި ޓްރާންސްފާ ޕީރިއަޑް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިމިފަ އެވެ. ލީގް ފެށުމުގެ ކުރިން ޓްރާންސްފާ ޕީރިއަޑް ނިމޭ ގޮތަށް ހެދުމުން ގާޑިއޯލާ ވަނީ އެ ނިންމުމަށް ތައުރީފް ކޮށްފަ އެވެ.

މި ސީޒަންގައި ގާޑިއޮލާގެ އަމާޒަކީ، ޖެހިޖެހިގެން ލީގް ކާމިޔާބު ކުރުމުގެ ތާރީހީ ޓީމުތަކުގެ ތެރެއަށް ސިޓީ ގެންގޮސްދިނުމެވެ. އޭނާގެ ކޯޗިން ކެރިއަރުގައި ގާޑިއޯލާ ވަނީ ސްޕެއިން އާއި ޖަރުމަންގައި ޖެހިޖެހިގެން ލީގް ކާމިޔާބު ކޮށްފަ އެވެ. އިނގިރޭސި ވިލާތުގައި އޭނާއަށް އެކަން ކުރެވިދާނެތޯ، އެއީ އޭނާއަށްވެސް އޮތް ބޮޑު ޗެލެންޖެކެވެ.

އާ ސީޒަންގެ ޕްރިމިއާ ލީގްގައި މެންޗެސްޓާ ސިޓީ ކުޅޭ ފުރަތަމަ މެޗުގައި، މާދަމާ ރޭ އެ ޓީމުން ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.