މިފަހަރުގެ ސީޒަނާ ލިވަޕޫލުން ކުރިމަތިލީ، ބޮޑު ހޭދައާއެކު އެވެ. މިދިޔަ އެއް އަހަރު ތެރޭ އެ ޓީމުން ވަނީ، 170 މިލިއަން ޕައުންޑް (ތިން ބިލިއަން ރުފިޔާ) ގެ ހޭދަ ކޮށްފަ އެވެ. އިނގިރޭސި ކުލަބަކުން މިފަހަރު ކުރި އެންމެ ބޮޑު ހޭދަ ވެސް ކުރީ ލިވަޕޫލުންނެވެ. ޔޫރަޕްގެ ނިސްބަތުންވެސް ލިވަޕޫލްގެ ޓްރާންސްފާގެ އަގުތައް އުޅޭނީ މަތީގަ އެވެ.
މި ބޮޑު ހޭދާއެކު، މިއީ ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕްއަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެއް ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާ ކާރުން ވަނީ ބުނެފަ އެވެ. ބޮޑު ހޭދައާއެކު ތަށި ހޯދަން ކްލޮޕަށް މަޖުބޫރު ވާނެ އެވެ.
ތަށި ހޯދުމަށް އަންނަ ޗެލެންޖާ ބެހޭގޮތުން ކުރިން ކްލޮޕް ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ޓީމުގެ އެތެރެއިން އޭނާ އަށް ޕްރެޝަރެއް ނާންނާނެ ކަމަށާއި އޭނާ އަކީ ބޭރުން އަންނަ ޕްރެޝަރަށް ސަމާލުކަންދޭ މީހެއް ނޫން ކަމަށެވެ.
ސީޒަންގެ ފުރަތަމަ މެޗުގައި، މިއަދު ލިވަޕޫލް ނިކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ. ވެސްޓްހަމްއަށް އިތުރު ފަސް ކުޅުންތެރިން ގެނައުމަށް އެ ކުލަބުން ހޭދަ ކުރީ 61 މިލިއަން ޕައުންޑެވެ. ލިވަޕޫލްގެ ހޭދައަށް ވުރެ ދެ ގުނަ ދަށް ހޭދައެކެވެ.
ވެސްޓްހަމްގެ މިހާރުގެ ކޯޗަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗް މެނައުލް ޕްލެގްރިނީ އެވެ. މެޗާ ބެހޭގޮތުން ކްލޮޕް ބުނީ ލިވަޕޫލަށް ކުރިމަތި ވާނީ ވަރަށް އުނދަގޫ 95 މިނެޓަށް ކަމަށެވެ. އަދި އޭނާ ވަނީ މެނައުލް ޕްލެގްރިނީއަށް ވަރަށް ވަަރަށް ބޮޑު ތައުރީފު ކޮށްފަ އެވެ.
"ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗް، އޭނާއަށް އެނގޭނެ ފުޓްބޯޅަ ކުރިއަށް ދަނީ ކިހިނެއް ކަންކަން، އެހެންވީމަ އޭނާ އަކީ ވަރަށް މޮޅު ޓެކްޓީޝަނެއް އަދި ވަރަށް މޮޅު ކޯޗެއްވެސް މެ، އޭގެއިން ވަރަށް ބައިވަރު ކަންކަން ބަދަލު ވާނެ،" އޭނާގެ ވާދަ ވެރިޔާއާ ބެހޭގޮތުން ކްލޮޕް ބުންޏެވެ. "ވެސްޓްހަމް ޓީމަށް ރަނގަޅަށް ބަލާލައިފިނަމަ އެ ޓީމު ފެންނާނީ މުޅިން ތަފާތުކޮށް."
"އެ ޓީމުގައި އެތިބަ ކުޅުންތެރިންނަކީ ވަރަށް ވަރުގަދަ އަޒުމެއް އޮތް ކުޅުންތެރިން ތަކެއް، މީހުން ހީކޮށްފާނެ އަހަރެމެން މޮޅުވާނެޔޭ، އަހަރެމެންވެސް އުންމީދު ކުރަނީ އެގޮތަށް، ނަމަވެސް މިހާރުން ފެށިގެން އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ކުރިމަތިވާނީ ވަރަށް އުނދަގޫ 95 މިނެޓް، އަދި އަހަރެމެން ތިބެންޖެހޭނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން."
ލިވަޕޫލް އާއި ވެސްޓްހަމް ކުޅޭ މެޗު ފަށަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:30 ގަ އެވެ.