ބޮލީވުޑް

ނަވާޒުއްދީންއާއި ރާދިކާ އަނެއްކާވެސް އެކުގައި ފިލްމަކަށް

އިންޑިއާގެ ނެޓްފްލިކްސްގެ ދުނިޔޭގައި މިހާރު ރަސްކަމާއި ރަނިކަން ކުރަމުން އަންނަނީ މި ދެ ތަރިންނެވެ. ދާދިފަހުން ރިލީޒްކުރި ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް "ސެކްރެޑް ގޭމްސް" ގައި ނަވާޒުއްދީން ސިއްދިގީ އާއި ރާދިކާ އާޕްތީ ދައްކުވައިދިން ރޯލާއި އެ ދެ ތަރިންގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފުތައް އޮހިގެންދިޔަ އެވެ.

މީގެ ކުރިން އެކުގައި ދެ ފިލްމެއް ކުޅެފައިވާ މި ދެ ތަރިން އަނެއްކާވެސް އެކުގައި ފިލްމަކުން ފެނިގެންދާނެ އެވެ. އެއީ ހަނީ ތުރެހާންގެ އަލަތު ޑައިރެކްޝަން ފިލްމު ކަމުގައިވާ "ރާތު އަކޭލޭ ހޭ" އިންނެވެ.

މި ދެ ތަރިން އެކުގައި ކުރިން ކުޅުނީ ފިލްމު "ބަދްލާޕޫރް" (2014) އާއި "މަންޖުހީ: ދި މައުންޓަން މޭން" (2015) އެވެ.

ކްރައިމް ތްރިލާ މި ފިލްމުގެ މަންޒަރުތައް ނަގަން ނިންމާފައި ވަނީ އިންޑިއާގެ ރަށްފުށު ހިސާބުތަކުގަ އެވެ. ފިލްމުގެ މަންޒަރުތައް ނަގާނެ ސަރަހައްދުތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ އަހަރުގެ ފަހުކޮޅުގަ އެވެ.