ބޮލީވުޑް

އަމްރިޝް ޕޫރީގެ ކާފަ ދަރިފުޅުވެސް ބޮލީވުޑަށް

ބޮލީވުޑްގެ މަޝްހޫރު ބައެއް ސްޓާރުންގެ ދަރިން ބޮލީވުޑަށް ތައާރަފުވުމުގައި އާއިލީ ނުފޫޒު އޮންނަ ކަމަށް އަބަދުވެސް ވާހަކަދެކެވެމުން އާދެ އެވެ. މިއަހަރު ބޮލީވުޑަށް ތައާރަފުވި ސުޕަސްޓާރު އެކްޓްރެސް ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރްއާއި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާންއާއި ގުޅިގެންވެސް މިކަހަލަ ވާހަކަތައް ދެކެވުނެވެ.

މި ވާހަކަތައް މިހެން ދެކެވެމުން ދަނިކޮށް އަނެއްކާވެސް ބޮލީވުޑް މަޝްހޫރު ސްޓާރެއްގެ ދަރިއަކު ބޮލީވުޑަށް ތައާރަފުވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ކުރީގެ މަޝްހޫރު އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރިފުޅު ވަރްދަން ޕޫރީ އެވެ. އޭނާއާއި ގުޅުވައިގެންވެސް އާއިލީ ނުފޫޒުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އަމްރިޝް ޕޫރީއަކީ ބޮލީވުޑް ދުށް އެފަދަ ދެ ވަނައެއް ނެތް އެކްޓަރެކެވެ. ރުޅިގަދަ އަނިޔާވެރި އަދި ވިލަންގެ ރޯލުތަކަކީ އޭނާ އެންމެ މަޝްހޫރިވި ރޯލުތަކެވެ.

މުމްބައި މިރާއަށް ދިން އިންޓަވިއުއެއްގައި ވަރްދަން ބުނީ އޭނާއަށް އެންމެ ފުރަތަމަ ލިބުނީ ޕްރޮޑިއުސަރު ޖަޔަންތިލާލް ގަޑާގެ ޕީރިއަޑް ފިލްމެއް ކަމަށެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހެދި އެ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ.

ޖަޔަންތިލާލް ފަހުން ވަނީ އޭނާއަށް އާ ފިލްމެއް ހުށަހަޅާފަ އެވެ. އެއީ އޭނާ ބޮލީވުޑަށް ތައާރަފުވުގެންދާނެ ލޯބީގެ ފިލްމެކެވެ. އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި ޝޫޓުކުރާނެ މި ފިލްމުގެ މަސައްކަތްތައް ފަށާނީ އަންނަ މަހު އެވެ. މި ފިލްމުގެ ނަމާއި ލީޑު ރޯލަށް ނަގާނެ ބަތަލާއަކާއި އަދި ޑައިރެކްޓަރެއް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.