ހޮލީވުޑް

އެންޖެލީނާ ޖޯލީ ބޭނުންވަނީ މިއަހަރު ނިމުމުގެ ކުރިން ވަރިވާން

މި އަހަރު ނިމުމުގެ ކުރިން ވަރީގެ ހުރިހާ ކަންތައްތަކެއް ނިންމަން ބޭނުންވާކަމަށް އެންޖެލީނާ ޖޯލީ ބުނެފި އެވެ. އެންޖެލީނާ އާއި ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ ނުނިމި ކޯޓުގައި އޮންނަތާ މިހާރު ދެ އަހަރުވެއްޖެ އެވެ.

އެންޖެލީނާގެ ވަކީލު ލޮސް އެންޖެލަސްގެ މަތީ ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ދެމަފިރިންގެ ވަރީގެ ހުރިހާ ކަމެއް ނިންމަން ކޯޓުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެ ދެމަފިރިން ވަކިވާން ނިންމިފަހުން އެ ދެމަފިރިންގެ ކުދިންނަށް ބްރެޑް އަޅާނުލާ ކަމަށާއި އަދި ހަރަދު ނުދޭ ކަމަށްވެސް ވަނީ އެ ސީޓީގައި ބުނެފަ އެވެ.

ގާތްގަނޑަކަށް ދިހަ އަހަރުވަން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، އެންޖެލީނާއާއި ބްރެޑް ކައިވެނިކޮށްގެން އުޅުނީ ދެ އަހަރު ވަންދެންނެވެ. ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގަ އެވެ. އެ ދެމަފިރިންގެ ހަ ކުދިން އެބަ ތިއްބެވެ. މީގެ ތެރެއިން ތިން ކުދިންނަކީ އެޑޮޕްޓުކޮށްފައިވާ ކުދިންނެވެ.

މި ކުދިންގެ ބެލެނިވެރިކަމާއި ގުޅިގެންވެސް ކޯޓުގައި ދަނީ މައްސަލައެއް ބަލަމުންނެވެ. އެ ކުދިންނަށް ބްރެޑް އަނިޔާކުރާ ކަމަށް ބުނެ ތުހުމަތުތަކެއްވެސް ކުރެވުނެވެ. ނަމަވެސް އެ ތުހުމަތު އެނާގެ މައްޗަށް ސާބިތެއްނުވި އެވެ. މީގެ އިތުރުން ބްރެޑް ރާ ބޯ މައްސަލައެއްވެސް ފެންމަތިވި އެވެ.