ކްރިސްޓިއާނާ ރޮނާލްޑޯ

ޔުވެންޓަސްއިން ފެނުނީ އާދަޔާ ހިލާފް މަންޒަރެއް

ޔުވެންޓަސްއަށް އޭނާ ބަދަލުވުމުން އެ ކުލަބުގެ ސަޕޯޓަރުން އޭނާއަށް ކީ މަރުހަބާ އާއި ފެނުނު މަންޒަރުން އޭނާއަށް އިހްސާސް ކުރެވުނީ އާއިލާއެއް ފަދަ ބައެއްގެ ގޮތަށް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ނުވަ އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ 100 މިލިއަން ޔޫރޯ އަށެވެ. އޭނާ ބުނީ ޔުވެންޓަސްއިން ފެނުނީ އަދަޔާ ހިލާފް މަންޒަރެއް ކަމަށެވެ.

ރޮނާލްޑޯ ބުނީ، ކުޑައިރުން ފެށިގެން ޔުވެންޓަސް އަށް ކުޅުމަށް އޭނާ އުންމީދު ކުރި ކަމަށެވެ. ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު ޔުވެންޓަސްއާ ދެކޮޅަށް ކުޅެފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ޔުވެންޓަސް ކޮޅަށް ބައިސްކަލް ކިކަކުން ރޮނާލްޑޯ ގޯލް ޖެހުމުން ޔުވެންޓަސްގެ ސަޕޯޓަރުންވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

"އެއީ ގަބޫލު ކުރަންވެސް އުނދަގޫވި ކަމެއް،" އޭނާ ލަނޑު ޖެހުމުން ޔުވެންޓަސްގެ ސަޕޯޓަރުންވެސް އެކަން ފާހަގަ ކުރުމުން އެކަމާ ބެހޭގޮތުން ރޮނާލްޑޯ ވާހަކަ ދެއްކި އެވެ. "އަހަރެން ކޮންމެ ދުވަހަކުވެސް އެކަން ހަނދާންވޭ، މީގެ ކުރިން އަހަންނާމެދު އެގޮތަށް ކަންތައް ދިމާވެފައެއް ނުވޭ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް ލަނޑު ޖެހީމަ މުޅި ސްޓޭޑިއަމްގައި ތިބީ އެންމެންވެސް އެކަން ފާހަގަ ކުރުމީ އަދާޔާ ހިލާފް ކަމެއް."

އޭނާ ބުނީ، ޔުވެންޓަސްއަކީ އިޓަލީގެ އެންމެ ބޮޑު ކުލަބު ކަމަށާއި އަދި ދުނިޔޭގަ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރޭގައި އެކުލަބު ހިމެނޭނެ ކަމަށެވެ. އޭނާ ބުނީ ޔުވެންޓަސްއަށް ބަދަލުވާން ޖެހުމުން އޭނާ އެކަމާ އެއްވެސް ވަރަކަށް ފަސް ނުޖެހޭ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގްގައި ޔުވެންޓަސްގެ ސަޕޯޓަރުންގެ ފަރާތުން އެ ފެނުނު މަންޒަރުން އެ ކުލަބު ދެކެ އޭނާއަށް ލޯބި ވެވުނު ކަމަށް ރޮނާލްޑޯ ބުންޏެވެ.

އިޓާލިއަން ލީގް ފަށުމަށް ހަމަޖެހިފައި ވަނީ މިއަންނަ ހޮނިހިރު ދުވަހު އެވެ. ލީގް ފުރަތަމަ މެޗުގައި ޔުވެންޓަސް ނިކުންނާނީ ޗިއޭވޯއާ ދެކޮޅަށެވެ.