ދުނިޔެ

އިންޑިއާގައި ފެންބޮޑުވެ 30 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

Aug 12, 2018

ކެރެލާ (އޯގަސްޓް 11) - އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 37 މީހުން މަރުވެފައިވާއިރު، އެތަކެއް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހެމުން ދާތީ، ކެރެލާގެ ގިނަ ސަރަހައްދުތަކުގައި ވަނީ އެލާޓު ނެރެފަ އެވެ. މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ކޭމްޕުތަކަށް ދިއުމަށް އަންގާފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާރު ވެސް 2،500 އަށް ވުރެ ގިނަ އޭކަރުގެ ދަނޑުތައް ވެސް ހަލާކުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޑިޒާސްޓާ މެނޭޖްމަންޓު ޑިޕާޓްމަންޓުން ވަނީ ލަފާކޮށްފަ އެވެ.

އެ ސަރަހައްދުގައި ތާށިވެފައިވާ ތިބި 60 ޓޫރިސްޓުން ވެސް އިންޑިއާ ސިފައިން ވަނީ އިއްޔެ ސަލާމަތްކޮށްފަ އެވެ. މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ އެ ސަރަހައްދުގެ މަސްވެރިން ވެސް ކަނޑަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.