ޓެކްނޯލޮޖީ

ނާސާއިން އިރަށް އުޅަނދެއް ފޮނުވަނީ

އިރާއި ބެހޭ ދިރާސާތައް ކުރުމަށް ދުނިޔޭގެ ޖައްވީ އިދާރާ، ނަސާއިން އިރަށް ޖައްވީ އުޅަނދެއް ފޮނުވުމަށް ތައްޔާރުވެއްޖެ އެވެ. މި އުޅަނދު ފުރަތަމަ ލޯންޗުކުރަން ނިންމާފައި އޮތީ އިއްޔެ އެވެ. ނަމަވެސް ނާސާއިން ފަހުން ވަނީ މި އުޅަނދު ލޯންޗުކުރުން މިއަދަށް ފަސްކޮށްފަ އެވެ.

ކާރެއްގެ ސައިޒުގައި އިންނަ މި އުޅަނދުވެގެން ދާނީ ސީދާ އިރަށް ފޮނުވާ ފުރަތަމަ އުޅަނދަށެވެ. "ޕާކާ ސޯލާ ޕްރޯބް" ގެ ނަން ދީފައިވާ މި އުޅަނދަކީ 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދު ޖައްވަ ފޮނުވާލަން ނިންމާފައި ވަނީ ފޮލިރިޑާގެ ކޭޕް ކެނަވެރަލް އިންނެވެ.

ރޮބޮޓިކް އޮޕަރެޓިން މި އުޅަނދަކީ ދުނިޔޭގެ ތާރީހުގައި އިރާއި އެންމެ ގާތަށް ދަތުކުރާނެ އުޅަނދެވެ. މި އުޅަނދުގެ އެންމެ ބޮޑު މަގުސަދަކީ އިރުގެ ވަށައިގެންވާ މާހައުލުގެ ސިއްރުތައް ހޯދުމެވެ. އަދި އިރުން ފޮނުވާ "ސޯލާ ވިންޑް" ތަކާއި ބެހޭ މައުލޫމާތުތައް އެއްކުރުމެވެ.

ގަދަ ހޫނުން މި އުޅަނދު ސަލާމަތްކުރުމަށް 11.43 ސެންޓިމީޓަރުގެ ބޯ އަލްޓްރާ ޕަވަފުލް ޝީލްޑެއް ހަރުކޮށްފައިވެ އެވެ. އެއާއެކު އުޅަނދު ހަލާކުނުވެ ގާތްގަނޑަކަށް އިރާއި 6.16 މިލިއަން ކިލޯމީޓަރު ގާތަށް ދެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި އުޅަނދު ފޮނުވަނީ ހަތް އަހަރު ދުވަހުގެ މިޝަންއަކަށެވެ.