ހަބަރު

ދީނީ ކަންކަން ސިޔާސީ ނުކުރާނަން: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމްވެއްޖެނަމަ ދީނީ އެއްވެސް ކަމެއްގެ ތެރެއަށް ނުވަތަ އިސްލާމިކް މިނިސްޓްރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޔާސީ ކަންތައްތައް ނުވައްދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފ. ފީއަލި ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ، ހައްު ކޯޓާ ބެހުމުގައި ދެފުށް ފެންނަ އަދި ހަމަހަމަ ގޮތަކަށް ސަރުކާރުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީއަކީ ހަމަހަމަ ކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ، ސިޔާސީ ކަންތައްތައް އެއްފަރާތްކޮށް ހިންގޭ މުއައްސަސާއަކަށްވާން ޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ދީނީ އެއްވެސް ކަމެއްގެ ތެރެއަށް، އިސްލާމިކް މިނިސްޓްރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޔާސީ ކަންތައްތައް އަޅުގަނޑުމެން ނުވައްދާނަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ފަހަކަށް އައިސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ހުކުރު ހުތުބާ ސިޔާސީވުން ކަމަށާއި އެކަމަކީ ރައްޔިތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ދީނީ ކަންކަމުގެ ތެރެއަށް ސިޔާސީ ފިކުރު ވައްދައިގެން ގައުމުގެ ޅަ ކުދީންނަށް އޮޅުންއަރާފަދަ ގޮތަކަށް ސަރުކާރުން ކަންކަން ކުރުމަކީ ކުށްވެރިކުރާ ކަމެއް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ހުކުރު ހުތުބާ ނިންމުމުގެ ގޮތުން އަޅުގަނޑުމެންނަށް އިވިގެންދަނީ އިހްސާންތެރިވުމަށާއި އަދުލިވެރިވުމަށް، އެހެންވީމަ މުޅި ހުކުރު ހުތުބާގަ ދެކެވޭ ހުރިހާ ވާހަކަތަކެއް އެކުލެވެނީ އަޅުގަނޑުމެން ދީނުގައި ދައްކާދީފައިވާ ނަމޫނާތަކަށް، އެއްވެސް ހާލެއްގައި ސިޔާސީ ކުލައެއް ޖެހިފައި އޮތުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިދިކޮޅު ސަރުކާރެއްގައި އެންމެ ބޮޑަށް ބާރު އަޅާނީ ދީނީ އަގީދާ ވަރުގަދަ ކުރުމަށް ކަމަށާއި ދީނީ ގައުމެއްގެ ގޮތުގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށެވެ.

"ވަރަށް ދަތި ހާލުގައި ވަރަށް ބުރަ މަސައްކަތް ކޮށްގެން 30 އަހަރު ނުވަތަ 25 އަހަރު ޖަމާކުރެވޭ ފައިސާކޮޅު ހައްޖަށް ދިއުމަށްޓަކައި ދައްކާ ހައްޖަށް ނުދެވި ލާރިކޮޅު ނުލިބި ގިނަބަޔަކު ވަނީ އެ ހިތާމާގަ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މިހާރު ހައްޖަށް ދިއުމުގެ ކަންކަން ހަމަނުޖެހިތިބި ފަރާތްތަކަށް އިދިކޮޅު ސަރުކާރެއްގައި އެންމެ އިސްކަމެއްދީގެން ހައްލު ކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.