ކުޅިވަރު

ނޭމާއަކީ ފުޓްބޯޅައިގެ އާޓިސްޓެއް

ނޭމާ އަކީ އޭނާ ހިތްހަމަ ޖެހިފައި ހުންނައިރު ވަރުގަދަ ލީޑަރެއް ކަމަށާއި އޭނާގެ ކިބައިން ގިނަ ކަންކަމަށް އުންމީދު ކުރާކަމަށް ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ބުނެފި އެވެ.

އުނައި އެމެރީ ޕީއެސްޖީ ދޫކޮށްލުމުން، އެޓީމުން ކޯޗަކަށް ގެނައީ ޓޫހުލް އެވެ. އޭނާ އަކީ ބުރޫޝިއާ ޑޯޓަމުންޑްގެ ކުރީގެ ކޯޗެވެ. އޭނާ ވަނީ ޑޯޓަމުންޑާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ޕީއެސްޖީގެ ކޯޗު ކަމުގައި ފްރާންސް ލީގްގެ ފުރަތަމަ މެޗަށް ނިރޭ އޭނާ ނިކުންނާނެ އެވެ.

ސްޓޭޑަ މަލްހާބް ކާން އާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ޓޫހުލް ވަނީ ނޭމާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ބްރެޒިލްގެ ފޯވަޑަށް ޓީމު ލީޑް ކުރެވޭނެ އެވެ.

"ހަމަ ޔަގީނުންވެސް ނޭމާ އަކީ އަހަރެންގެ އެންމެ މުހިންމު ކުޅުންތެރިޔާ، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް، އަދި އޭނާ އަކީ ފުޓްބޯޅައިގެ އާޓިސްޓެއް،" މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓޫހުލް ބުންޏެވެ.

"ލިޑަރަކަށް ވުމުގައި ތަފާތު ގިނަ ވައްތަރުތައް ހުރޭ، ނޭމާގެ ހާލަތަށް ބަލާއިރު އޭނާ ހިތްހަމަޖެހިގެން ހުރެއްޖެނަމަ އޭނާއަކީ ލީޑަރެއް، އަދި އޭނާގެ އުކުޅުތައް ބޭނުންކޮށްގެން އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރޭ، އަދި އޭނާ އަކީ ރިސްކު ނަގަން ކެރޭ ކުޅުންތެރިޔެއް."

ޓޫހުލް ބުނީ ޕީއެސްޖީގައި ލީޑަރަކީ ނޭމާ އެކަނި ނޫން ކަމަށާއި ޒިންމާ ނަގައިގެން މަސައްކަތް ކުރާނެ އެހެން ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ.

ޕީއެސްޖީ އާއި ކާން ކުޅޭ މެޗު ފަށަނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ.