ލައިފްސްޓައިލް

ނައިފަރުގައި ހެއްދި ހަނޑޫ ކަނޑަން ވެއްޖެ!

Aug 13, 2018
11

ރާއްޖޭގެ ދަނޑުވެރިކަމުގައި ހަނޑޫ ހައްދައި އޭގެ މަންފާ ހޯދިކަމެއް އެނގޭކަށް ނެތެވެ. އެކަމަކު ކުރިން އެކަން ކުރެވޭ ތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މިހާތަނަށް އެއީ ރާއްޖޭގައި ފުޅާ ކުރެވިދާނެ ކަމެއްކަން އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކަމަކު، ރާއްޖޭގެ އެންމެ ބައިބޯ އަދި ޖާގައިގެ ދަތިކަން ބޮޑު އެއް ރަށް ކަމަށްވާ ނައިފަރުގެ ޖަމިއްޔާއަކުން މިވަނީ މިއީވެސް ރާއްޖޭގައި ފުޅާ ކުރެވިދާނެ ކަމެއްކަން ދައްކައިފިދީފަ އެވެ. މި މަސައްކަތަށް ހިތްވަރުލާފައި ނުކުތީ، "ނައިފަރު އިކޯޔޫތު" ޖަމިއްޔާ އިން ނެވެ. އަޖުމަ ބެލުމުގެ މަސައްކަތެއްގެ ގޮތުގައި މިކަން މިވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ ދެ މަސް ކުރިން އިންދި ހަނޑޫ އޮށްތައް ފައްކާވެ، މިއަދު މި ވަނީ ކުރާގަނޑު އައިސް މާލައިފި އެވެ. މިހާރު އެ ހުރީ ހަނޑުލަށް ވެފަ އެވެ.

"ސްކޫލް ކުދިން ބައިވެރިކޮށްގެން ކުޑަ ޖާގައެއްގައި ދަނޑުވެރިކަން ކުރެވިދާނެ ގޮތް ތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ހަނޑޫ މިހެއްދީ. އަޅުގަނޑުމެން ރަށަކީ [ނައިފަރު] އަކީ ބިން ކުޑަ ރަށެއް. މާބޮޑު ޖާގައެއް ނޯވެ. އެހެންވެ ކުޑަ ތަނެއްގައި ދަނޑުވެރިކަން ކުރެވިދާނެ ގޮތް ތަކެއް ހޯދަން ކުރި މަސައްކަތެއްގެ ނަތީޖާ މިއީ،" ނައިފަރު އިކޯޔޫތު ޖަމިއްޔާގެ ވައިސް ޗެއާޕާސަން އަލީ ޒައިދު "އަވަސް" އަށް ވިދާޅުވި އެވެ.

"ޗައިލްޑް ފްރެންޑްލީ ރައިސް" ޕްރޮޖެކްޓުގެ ނަމުގައި ކުރި މި މަސައްކަތުން ހަނޑޫ ހައްދަން ނަގާފައިވަނީ ދޮޅު މަސް ދުވަހެވެ. މި މަސައްކަތުގެ ކާމިޔާބުކަން މި ފޮޓޯތަކުންވެސް ފެންނާނެ އެވެ. ފެން ބޮއިފައި އުކާލާ ހުސް ފުޅިތަކެއް ބޭނުންކޮށްގެން ފެށި މި މަސައްކަތް ކާމިޔާބުވެ، އެތަށް ބައެއްގެ ސަމާލުކަން މި މަސައްކަތައް މި އޮތީ ލިބިފަ އެވެ. މިއަދު މި ހަނޑޫ ދަނޑުތައް ބަލައިލަން އެތަށް ބަޔަކު މި ވަނީ ނައިފަރަށް ޖަމާވާން ފަށައިފަ އެވެ.

ކުޑަ ހަރަދެއް، ނަތީޖާ އަވަސް

ނައިފަރުގައި ހަނޑޫ ހައްދަން ކުރި މަސައްކަތުގައި މާބޮޑު ހަރަދެއް ނުކުރެ އެވެ. ހަނޑޫ ހައްދާފައިވަނީ ފެން ބޮއިފައި ހުސްކުރާ ހުސް ފުޅި ބޭނުންކޮށްގެންނެވެ. "ރީޔޫސް" ކުރަން ކުދިންނަށް ދަސްކޮށްދޭ ކުރި މަސައްކަތުގައި ދެން ބޭނުންކޮށްފައިވަނީ ހަނޑޫ ގަސްތަކަށް ފެން ފޯރުކޮށްދޭ ނިޒާމު ގުޅާލާފައި ހިމަ އެސްލޯނު ހޮޅިކޮޅު ތަކެވެ. ގާތްނޑަކަށް 250 ރުފިޔާގެ މި މަސައްކަތުގެ އަގު މި ވަނީ އަރައިގެން ގޮސް، އެތަށް ހާސް ރުފިޔާއަކަށް އަގުއަރައިފަ އެވެ. މިކަމުން ދައްކުވައިދެނީ ކިތަންމެ ކުޑަ ހަރަދަކުންވެސް ބޮޑު ކަމެއް ކުރެވިދާނެ ކަމެވެ.

އެހެން ރަށްރަށަށް ވެސް މިސާލެއް!

ނައިފަރު ގިނަ މީހުންނަށް މަޝްހޫރުވެފައި މި އޮންނަނީ، ދިވެހި ބޭސްވެރިކަމެވެ. އަދި މިރަށުގެ ތައުލީމީ ދަރިން ގިނަ ބަޔަކު ދަންނާނެ އެވެ. އެކަމަކު ނައިފަރުގައި ހަނޑޫ ހައްދަން ކުރި މި މަސައްކަތް ކާމިޔާބުވުމާއެކު މި ރަށް މިވަނީ ދަނޑުވެރިކަމުގައި ވެސް ތަފާތު މިސާލެއް ދައްކާފަ އެވެ. ރަށުގެ ބިންކޮޅު ކިތަންމެ ކުޑަ ނަމަވެސް އޮތް ބިންކޮޅުގެ ބޭނުން ހިފިދާނެކަން މުޅި ރާއްޖެއަށް ދައްކައިދީފަ އެވެ. މިހާރު "ނައިފަރު އިކޯޔޫތު" ޖަމިއްޔާ އިން ތައްޔާރު ވަމުންދަނީ މި ދަނޑުވެރިކަން ދަސްކުރަން ބޭނުން ކޮންމެ މީހަކަށް ދަސްކޮށްދިނުމަށެވެ. ކޮންމެއަކަސް އެ ޖަމިއްޔާގެ ކާމިޔާބު މި މަސައްކަތަކާއެކު، އެ ރަށުގައި ހެއްދި ހަނޑޫ މިވަނީ ކަނޑަން ވެފަ އެވެ.