ހަބަރު

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތަކުން މަހްރޫމް ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ރާއްޖޭގެ މިނިވަންކަމާއި އިގްތިސާދަށް ގެއްލުންވާ ކަމަކަށް ހިތްވަރު ދީ ނުވަތަ އެފަދަ ކަމަކަށް ގޮވާލައިފި ނަމަ ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތައް ނުދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހަށް ހުށަހަޅުއްވާފައިވާ އެ ބިލްގައިވާ ގޮތުން ރާއްޖޭގެ މިނިވަން ކަމަށް ގެއްލުން ލިބޭ ފަދަ އަމަލެއް ކޮށްފި ނަމަ ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދީ އަދި ގޮވާލައިފި ނަމަ ގާނޫނުގެ ދަށުން ދެވޭ ހުރިހާ ހިމާޔަތަކާއި އިނާޔަތަކުން އެ މީހަކު މަހްރޫމް ކުރެވޭނެ އެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ އަމަލެއް ކުރުމާއި އެފަދަ ކަމަކަށް ހިތްވަރު ދިނުމާއި ގޮވާލުމުން ވެސް އިނާޔަތްތަކުން މަހްރޫމް ކުރެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ޓެރަރިސްޓް އަމަލެއް ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުމާއި އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ވެސް ގާނޫނުގެ ދަށުން މިހާރު ދެވޭ ހުރިހާ އިނާޔަތަކާއި ރައްކާތެރިކަމުން އެ މީހަކު މަހްރޫމް ކުރެވޭނެ ހާލަތެއް ކަމަށް އެ ބިލުގައިވެ އެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލާ ފަދަ އަމަލެއް ކުރުމާއި އެފަދަ ކަމަކަށް ގޮވާލައިފި ނަމަ ވެސް އިނާޔަތްތައް ކަނޑާލެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ރައީސް ކަން ކުރިއިރު ނުވަތަ ރައީސްކަމުގެ މަގާމުން ވަކިވުމަށް ފަހު ކުރި ކުށަކާ ގުޅިގެން ހުކުމެއް އަތުވެއްޖެ ނަމަ ގާނޫނުން ލިބިދޭ އިނާޔަތްތައް މަހްރޫމް ކުރެވޭނެ ކަމަށް އެ ބިލުގައިވެ އެވެ. އެގޮތުން ރައީސް ކަން ކުރިއިރު ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އެ މީހަކަށް އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި ރައީސް ކަމުން ވަކިވުމަށް ފަހު ކުރި ކުށަކާ ގުޅިގެން ހުކުމެއް އަތުވެއްޖެ ނަމަ އެ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހުރިހާ އިނާޔަތަކުން މަހްރޫމް ކުރެވޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ރައީސް ކަން ކުރިއިރު ކުރި ވެފައިވާ ޚިޔާނާތެއްގެ ސަބަބުން ނުވަތަ ކޮރަޕްޝަނެއްގެ ސަބަބުން ހުކުމެއް އަތުވެއްޖެ ނަމަ އެ ހުކުމެއް އަންނަ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އެ ގާނޫނުގެ ދަށުން އެއްވެސް މާލީ އިނާޔަތެއް ނުލިބޭނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި ޚިޔާނާތްތެރިިވީ 10،000ރ. އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އަކަށް ނަމަ އިތުރުވާ ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަހުގެ ނިސްބަތުން އިނާޔަތް މަހްރޫމްވާ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ގާނޫނާ ޚިލާފް އަމަލެއް ކުރުމުންނާއި އެފަދަ ކަމެއްގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދީފި ނަމަ ގާނޫނުގެ ދަށުން މިހާރު ދެމުންދާ ރައްކާތެރިކަން ވެސް ނުލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ރައީސް ކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތަކާއި ރައްކާތެރިކަމުން މަހްރޫމް ކުރެވޭނެ ގޮތްތަކެއް ބަޔާން ކުރުމުގެ އިތުރުން އެއް ދައުރު ވެރިކަން ކޮށްފައިވާ ފަރާތްތަކަށް މިހާރު ދެމުންދާ އިނާޔަތްތައް މަދު ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން އެއް ދައުރު ވެރިކަން ކޮށްފައިވާ ފަރާތްތަކަށް މިހާރު ދެމުންދަނީ މަހަކު 50،000ރ. ނަމަވެސް އެ ބިލުގައި ހުށަހަޅާފައިވަނީ އެ އަދަދު 30،000ރ. އަށް ކުޑަ ކުރުމަށެވެ. ނަމަވެސް އެއް ދައުރަށް ވުރެ ގިނަ ދައުރުގައި ރައީސް ކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތައް މަދު ކުރަން އެ ބިލުގައި ހިމަނާފައެއް ނުވެއެވެ.

ރައީސް ކަން ކޮށްފައިވާ ފަރާތްތައް ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް މިހާރު ދެމުންދަނީ މަހަކު 50،000ރ. ނަމަވެސް އެއް ދައުރު ވެރިކަން ކޮށްފައިވާ ފަރާތްތަކަށް އެ އަދަދު މަދުކުރަން އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން އެ ބިލުގައި ހުށަހަޅާފައިވަނީ އެއް ދައުރު ވެރިކަން ކޮށްފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަނުގެ ޚަރަދުގެ ގޮތުގައި މަހަކު 25،000ރ. ދިނުމަށް ފަހު އެއް ދައުރަށް ވުރެ ގިނައިން ވެރިކަން ކޮށްފައިވާ ފަރާތްތަކަށް މަހަކު 50،000ރ. ދިނުމަށެވެ.

އެފަދަ ބިލެއް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވެސް ކުރިން މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު މަޖިލީހުން ވަނީ އެ ބިލް ބަލައި ނުގަނެ، މަޖިލީހުން ބޭރުކޮށްލައިފަ އެވެ.